logo

ޔާމީންއޭ، ހެޔޮ ބަސް އަހާ ޤަބޫލުކުރާ މީހަކަށް ވަމާހޭ!

profile

އަހުމަދު ޖަމީލު - 12 ސެޕްޓެމްބަރު 2024 - 20:42

IMG_1655.webp

IMG_1655.webp

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ފެންނަމުންދާ މިދާ މަންޒަރާއި ހިނގަމުން އަންނަ ކަންތަކަށް ބަލާއިރު، އަޅުގަނޑުގެ ނަޒަރު ގޮސް ހުއްޓެނީ ކުޑަކުޑަ ގޮޅިއެއް ފަދަ ތަނެއްގައި ވިއްސަކަށް މީހުންނާއި އެކު، ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވަމުން އަންނަ ޖަލްސާތަކަށެވެ. ޤައުމުގައި ކަމެއް ހިނގާ އިރަށް އަވަސް އަރުވާލާ، އެބައި މީހުންގެ ލީޑަރު މެދުގައި ބަހައްޓައިގެން، ހިނިގަނޑުވަޑުވަމުން ބާއްވަމުން އަންނަ ޖަލްސާތަކަށެވެ. ބައެއް ފަހަރު އެއީ ޖަލްސާއަކަށް ވުރެ ބޮޑަށް، އެ މަނިކުފާނުގެ ދައުރުގައި ހިގާފައިވާ ނޫނީ އެ މަނިކުފާނަށް ތުހުމަތު އިނގިލި ދިއްކޮށްލެވޭ މައްސަލަތަކުން ބަރީއަވެ ވަޑައިގަތުމަށް ބާއްވާ ފޯރަމްތަކެކޭވެސް ހީވާ ފަހަރު އާދެއެވެ.

އާދެ! އަޅުގަނޑު މި ދައްކަނީ ގަޓް ލީޑަރުގެ ނަމުން މަޝްހޫރު ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވާ އުފައްދަވާފައިވާ "ޕީއެންއެފް" އިން ބާއްވަމުން އަންނަ ޖަލްސާތަކުގެ ވާހަކައެވެ. އެ ޖަލްސާތަކަށް ބަލާލުމުން އަޅުގަނޑު ހިތަށް އެރީ ދައްކަވަން ހުރި ތަނެއް ދައްކަވާނެ އެވެ. މި ބައްދަލުވުންތަކުގައި ރައީސް ޔާމީން މެދުގައި އިންނަވާއިރު، ހިނިފުޅު ވަޑުވާން ދެ އަރިމަތީގައި ތިއްބަވާ ބޭފުޅުންނަށް ބަލާލިޔަސް، އަސްތާ ކަމަކުދާކަށް ނެތެއެވެ. އިރެއްގައި އެ މަނިކުފާނަށް އެހާ ގޯސް ބައެއް ނެތް ކަމަށް ބުނެ، އެއްފަރާތް ކުރެއްވި މީހުން ގޮވައިގެން މިއަދު ހިނިފުޅުވަޑުވަމުން، އެ ގެންދަވަނީ އެ މަނިކުފާނު ޖަލުގައި އޮންނެވިއިރު އަނބިދަރިން ދޫކޮށް ނުކައި ނުބޮއެ، އަމިއްލަ ފުރާނައަށް ފަރުވާލެއްނެތި ފަސް އަހަރު އެ މަނިކުފާނުގެ ހައްގުގައި މަގުމަތީގައި އާދޭސް ދަންނަވަމުން ދިޔަ ފަރާތްތަކަށެވެ.މިތުރުންގެ ގޮތުގައި ތިބި މީހުން، މިއަދު ހަތުރުންނަށް ވެ، އެ ބައްދަލުވުންތަކުގައި އެބައިމީހުންހާ ގޯސް ބައެއް ނެތް ކަމަށް ބުނެ، ނުގޮވާކަށް އެއްޗެއް ނެތެއެވެ. ދުނިޔެ އަކީ ވެސް އަބަދު އެއް ގޮތަކަށް އޮންނަ އެއްޗެއް ނޫންތާއެވެ.

ރައީސް ޔާމީންއެވެ. މަނިކުފާނު މިއަދު ހަނދުމަފުޅު ނެތުނަސް އިއްޔެވީ ކަމެއް ފަދައިން މަނިކުފާނުގެ ހައްގުގައި އެ ބައިމީހުން ވީ ގުރުބާން ކެމެރާތަކުގެ ލެންސްތަކަށް ވަނީ ރެކޯޑް ކުރެވިފައެވެ. ގަލަންތަކުގެ ދެލިހުސްވާ މިންވަރަށް ވަނީ ލިޔެވިފައެވެ. ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި އެ ވާހަކަ ކިތަންމެހާވެސް ގިނައިން ލިޔެވުނުއެވެ. ރިޔާސީ އިންތިކާބުން ޕީޕީއެމް ބަލިވި ވަގުތު ހިތްވަރު އެލުވާނުލާ މަދުބަޔަކާއެކު އަބްދުއްރަހީމް އިސްކޮށް ހުންނަވާ ޕީޕީއެމް ނަގާ ކޮޅަށް ޖެހި މަންޒަރުތަށް، މަނިކުފާނު ހަދާން ނެތުނަސް އިއްޔެވީ ކަމެއް ފަދައިން އެންމެންގެ ހަދާނުގައި އެބަހުއްޓެވެ. މަނިކުފާނުގެ އެންމެ ގާތް އެކުވެރިން މަނިކުފާނަށް ގެއްލި ތިޔަ ދަނީ، އަމިއްލަ އެދުމާއި، ކިބުރުވެރިކަމާއި، ބޮޑާކަމާއި، ވެރިކަމުގެ އާރާއި ބާރު ނޫން އެއްޗެއް މަނިކުފާނަށް ނުފެންނާތީ ކަމަށް، ހުދު މަނިކުނާއި އެންމެ ގާތް މީހުން މިއަދު ކެމެރާތަކުގެ ކުރިމަތީގައި އެ ދަނީ ހާމަކުރަމުންނެވެ. މަނިކުފާނުގެ ސިޔާސީ ހަޔާތުގެ ކުރީގެ އެންމެ ގާތް މިތުރު އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު މަނިކުފާނު ކަންތައް ކުރެއްވި ގޮތުން، ޤައުމު ދެކެ މަނިކުފާނުގެ އޮތީ ވަޠަނީ ލޯތްބެއް ނޫން ކަން އެގުނު ކަމަށެވެ. ރައީސް ޔާމީނުގެ އޮތީ ނަފްސީ ލޯތްބެއްކަމަށް އެނގިވަޑައިގެންނެވި ކަމަށާއި، އެހާ ހިސާބުން ރައީސް ޔާމީނަށް އޮތް އިހުތިރާމާއި ގަދަރު ގެއްލުނީ ކަމަށް އަބްދުއްރަހީމް ވަނީ މީޑިޔާތަކުގެ ކުރިމަތީގައި ވިދާޅުވެފައެވެ. ރައީސް ޔާމީނަށް އޮތް ލޯބި އެއްކޮށް ގެއްލިގެން ދިޔަ ދުވަހަކީ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރައްވަން އެންގެވި ދުވަސް ކަމަށާއި، އެދުވަހުގެ އެ ވަގުތާއި ހަމައަށް އެންމެ ތާއީދު ކުރައްވަމުން އައި ވެރިއަކީ ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މަނިކުފާނެއެވެ. މަނިކުފާނުގެ ހައްގުގައި އިޚްލާސްތެރި މަސައްކަތެއް ކުރެއްވި އަދި މަނިކުފާނަށް މިއަދު މިނިވަންކަމުގެ ފޮނި އިހްސާސް ކުރެވޭ ހާލަތަށް ގެނެސްދެއްވި އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ވެސް މަނިކުފާނު ތިޔަ ގެންދަވަނީ ހުތުރު އެއްޗެހި ގޮވަމުންނެވެ. ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާ އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ބުނެ ކުރެހުންތަކާއެކު ތިޔަ ވަނީ ދައްކަވާލައްވާފައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ރާއްޖޭގެ އިދާރާއަކުން ނެރުނު އެއްވެސް ރިޕޯޓެއްގައި، ރައީސް މުއިއްޒުގެ ނަމެއް ފެންނާން އަދި ނެތެއެވެ. ރައީސް މުއިއްޒާއި ގުޅޭ ގޮތުން މަނިކުފާނު ތިޔަ ދެއްކެވި ވާހަކަތައް، ހުދު އެ މަނިކުފާނުވެސް ވަނީ ދޮގު ކުރައްވާފައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުގައި ޖަލުގައި ދުވަސްތައް ހޭދަކުރެއްވީވެސް މަނިކުފާނެއެވެ.މާލޭގެ ބިން އެންމެ އަގު ބޮޑު ސަރަހައްދުން ބޮޑު ސިންގާ ބިމެއް ބައްލަވައިގެން ބުރި ބުރިއަށް ގެކޮޅު ހިއްލަވަމުން ތިޔަ ގެންދަވަނީ މަނިކުފާނު ކަމަށާއި، އެ ފާއިސާ ހޯއްދެވީ ކޮންތާކުންތޯ ރައްޔިތުން އަންނަނީ ކެނޑިނޭޅި ސުވާލު އުފައްދަމުންނެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ކަންތައް ފެށުނު ހިސާބުން މަނިކުފާނަށް އެންގެވި ކަމަށާއި، އެއީ މަނިކުފާނަށް ނޭގި ހިގާފައިވާ ކަމެއް ނޫން ކަމަށް މަނިކުފާނު ކުރީގެ އެންމެ ގާތް މިތުރު ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމްވެސް ވަނީ ވިދާޅުވެފައެވެ. ކުރީގެ ޕީޖީ މުހުތާޒް ވަކިކުރެއްވީ އަދީބުގެ މައްސަލަ ކުރިއަށް ނުގެންގޮސްގެން ކަމަށް މަނިކުފާނު މިހާރު ވިދާޅުވަމުން ގެންދަވާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ޖަލުގެ ތޭރިތަކުގެ ތެރެއަށް އެންމެ ގިނަ ސިޔާސީ ވެރިން ލެއްވީވެސް މަނިކުފާނުގެ ވެރިކަމުގައެވެ.

ރައީސް ޔާމީންއެވެ. މަނިކުފާނަކީ ހެޔޮ ވެރިކަމެއް ކުރެއްވި ބޭފުޅެއް ކަމަށް ދައްކަވަން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތުން މިއަދު މަނިކުފާނު ތިޔަ ދަނީ ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ފަޝީހަތްވެ ބޭޒާރުވަމުންނެވެ. މިއަދު މަނިކުފާނު ތިޔަ އުޅުއްވާ ގޮތް ސިފަވަނީ ސާރކަސް އެއްގެ "ޖޯކަރެއް" ގޮތަށެވެ. ތިޔައީ ވެރިކަން ކުރައްވާފައިވާ ބޭފުޅުން އުޅުއްވަންޖެހޭ ޒާތެއް ނޫނެއެވެ. މަނިކުފާނު ތިޔަ އުޅުއްވާ ގޮތުން މަނިކުފާނަށް ރައްޔިތުން ކުރަމުން އައި ޤަދަރު އެ ދަނީ ނެތެމުންނެވެ. ހެޔޮކަމެއް ކޮށްދޭ މީހާއަށް ބަދަލު ދޭންވާނީ ތެޔޮހަމެއްގެ ސިފައެއްގައެއް ނޫނެވެ. މިއަދު ދިވެހި ރައްޔިތުން މަނިކުފާނަށް ދޭން ބޭނުންވާ ނަސޭހަތެއް އެބައޮތެއެވެ. ތިޔަ ގޮތް ދޫކޮށްލައްވާ މަނިކުފާނުވެސް ހެޔޮ ބަސް އަހާ،ޤަބޫލުކުރާ މީހަކަށް ވުމަށެވެ.

tel:+9607331319