logo

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް ސަރުކާރުން ޤާނޫނީ ފިޔަވަޅު އަޅާނެ: އިޙްސާން

profile

އަހުމަދު ޒަލީފު - 18 ޖޫން 2024 - 14:43

މިނިސްޓަރ އިޙްސާން

މިނިސްޓަރ އިޙްސާން

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށްވެސް މި ސަރުކާރުން ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ޙައްލުވާނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅުއަޅައިގެންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ކުރެއްވި އެންމެ މުހިންމު އެއްކަމަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ދިމާތައް ދެނެގަތުންކަމަށެވެ. އަދި އެތަކެތި އެތެރެކުރާ މީހުންގެ މައްސަލަތައްވެސް ތަހުގީގުކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މީގެ ކުރިން ޢަމަލުކުރަމުން އައިގޮތުން މަސްތުވާތަކެތި ގެންގުޅޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަކީ އުނދަގޫކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް މީގެކުރިން ނުގެނެވުމަކީ މިހާތަނަށް ފެއިލްވެފައި އޮތް ކަމެއްކަމަށް އިޙްސާން ވިދާޅުވިއެވެ.

"ކުރީގައި މަސައްކަތް ކުރާ އެޕްރޯޗަކީ މަސްތުވާތަކެތި ހިފެހެއްޓުނީމަ އެ ހިފެހެއްޓޭ އެއްޗަކާ މީހަކާ ގުޅުވުމަށް. އެކަމަކު ޤާނޫނުތައް ބައްޓަން ކުރެވިފައި އޮންނަގޮތުން އެމީހާގެ މައްޗަށް އެ ސާބިތުކުރަން ވަރަށް އުނދަގޫ. އެހެން ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި އޭގެ ފައިސާ މޫވްކުރާ މީހުންނާއި އެކަމުގެ ތެރޭގައި އިންވޮލްވާމީހުންގެ ތަހުގީގުތައް ގެންގޮސްފިއްޔާ މާކާމިޔާބުވާނެ،" ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާބެހޭ ވަޒީރުގެ ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ކޮންމެ އިސްލާޙެއްވެސް ގެންނެވުމަށެވެ. އެހެންކަމުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާނަމަ ވަކި މީހަކު އިސްތިސްނާކުރުން މި ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

"ފުލުހުންނަށް އަޅުގަނޑުމެން މިއޮތީ ފުލް އޮތޯރިޓީ ދީފައި ހެއްކާ ގަރީނާ ދައްކާ މަގަކުން ހިނގަން. ވަކި ހިސާބަކަށް ގޮސްފައި ވަކި މީހެކޭ ބުނުމުން އަނބުރާލާކަށް ނޫން. ނަމަވެސް ހިތާމައަކީ ކުރިން އެކަން އޮތީ އެހެން،" ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ ބޮޑެތި މީހުން ދޫކުރެވޭ ކަމަށާއި އެކަމަށް ކޯޓުތަކުގެ ތެރެއިން ހައްލު ހޯދުމަށް ބަންޑާރަ ނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަނެވިފައިވާ ކަމަށާއި، އެ އިސްލާހުތައް ގެނައުމަށް އަންނަ ހަފުތާގައި މަޖިލީހަށް ފޮނުވުމަށް ބަންޑާރަ ނައިބުގެ އޮފީހުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

tel:+9607331319