logo

ފަތުރުވެރިންގެ އަދަދު 1.5 މިލިޔަނަށްވުރެ މައްޗަށް

profile

ޒިދާން މުޙައްމަދު - 08 އޮކްޓޯބަރު 2024 - 11:27

ޗައިނާގެ ފަތުރުވެރިންތަކެއް

ޗައިނާގެ ފަތުރުވެރިންތަކެއް

ފަތުރުވެރިން އަންނަ އަދަދު އިތުރުވެ މިހިނގާ އޮކްޓޫބަރު 7 ގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 7 ވަނަ ދުވަހާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،522،621 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،390،307 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ.

މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް 5000 ފަތުރުވެރިން އާދެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ރާއްޖެއަށް 132،799 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ އެ މަހުގައި ރާއްޖެ އައިސްފައި ވަނީ 130،967 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއް ވަނައިގައި އޮތް ޗައިނާއިން ރާއްޖެއަށް 227،978 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން 166،172 ފަތުރުވެރިން އައިސްފައި ވެއެވެ. އެ ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 128،262 ފަތުރުވެރިން އައިސްފައިވާއިރު، ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް އައިސްފައި ވަނީ 110،574 ފަތުރުވެރިންނެވެ. އިޓަލީވިލާތުންވެސް 107،799 ފަތަުރުވެރިން އައިސްފައިވާއިރު ގަދަ 5 ގައި އެ ގައުމު ލައްވާލައެވެ.

ރާއްޖޭގައި މިހާރު 167 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 14 ހޮޓެލަކާއި، 887 ގެސްޓް ހައުސްގެ އިތުރުން، 152 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ބޭރު ގައުމުތަކުގައި ބާއްވާ އެކި އެކި ފެއަރތަކުގައި ބައިވެރިވުމާއި އިޝްތިހާރުކުރުމުގެ ގިނަ ހަރާތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

https://int.etukuri.mv/
tel:+9607331319