ސިއްހީ ދާއިރާއިން ރާއްޖޭގައި ހިންގާ ކޯސްތަކުގެ ވެލިޑޭޝަން ހޯދުމަށް ސަމާލުވާން ޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު އެމްކިއުއޭގެ ފަރާތުން ކަމާ ގުޅޭ އިދާރާތަކާ ހިއްސާކޮށްފި އެވެ.
މި މައުލޫމާތުތައް ހިއްސާކުރީ މޯލްޑިވިސް މެންޓަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ)ގެ ބައެއް އިސްބޭފުޅުން މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރޮޓީ (އެމްކިޔުއޭ)އަށް ޒިޔާރަތްކުރައްވައި ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި، އެމްކިޔުއޭގެ ފަރާތުން އެ އިދާރާގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދުގެ އިތުރުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެޑައިގަންނަވާފައިވެއެވެ. އަދި އެމްއެމްޑީސީގެ ފަރާތުން، އެ އިދާރާގެ ވައިސް ޕްރެޒިޑެންޓް، ޑރ. ޢަލީ ނިޔާފްގެ އިތުރުން އެ އިދާރާގެ ބައެއް އިސް ބޭފުޅުންވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
'ރިކޮގްނިޝަން/ވެލިޑޭޝަން'ގެ ޚިދުމަތަކީ ކޯހެއް ނުވަތަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، އެ ދަރިވަރަކު ހާޞިލްކުރި ސަނަދަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ، ކޮންފެންވަރެއްގެ ސަނަދެއްކަން ހާމަކުރުމުގެ ގޮތުން އެ އިދާރާ އިން ދެއްވާ ތައްގަނޑު ޖަހައިދިނުމުގެ ޚިދުމަތެކެވެ.
މިފަދަ ޙިދުމަތްތަށް، ސިއްޙީ ދާއިރާއިން ސަނަދުތައް ހާޞިލުކުރާ ދަރިވަރުންނަށް އެމްކިޔުއޭ އިން ދެއްވަމުން ދާއިރު، އެމްއެމްޑީސީގެ ފަރާތުން ކުރިއަށް ގެންދާ ތަމްރީނުތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން މިފަދަ ޚިދުމަތްތަކާއި ގުޅޭގޮތުން ސިއްޙީ ދާއިރާއިން ތަމްރީނުވާ ދަރިވަރުން ދެނެގަތުން މުޙިއްމު މަޢުލޫމާތުތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
އެމްއެމްޑީސީއަކީ ރައްޔިތުންގެ ސިއްޙީ ދުޅަހެޔުކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ދާއިރާގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ސިއްޚީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުމަށް އެތަށް މަސައްކަތްތަކެއް ކުރަމުން އަންނަ އިދާރާއެކެވެ.