logo

އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް؛ 3 މީހަކަށް ފަރުވާދެނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 08 ސެޕްޓެމްބަރު 2024 - 22:05

މީގެކުރިން ހިނގާފައިވާ އެކްސިޑެންޓެއް -- އަސްލު ފޮޓޯ: ޝަޖާއަތު އަހުމަދު

މީގެކުރިން ހިނގާފައިވާ އެކްސިޑެންޓެއް -- އަސްލު ފޮޓޯ: ޝަޖާއަތު އަހުމަދު

މާލެ ސަރަހައްދުގައި މިރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގާފައިވަނީ މާފަންނު ބަސް ޓާމިނަލް ކައިރީގައި ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 6.30 ހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވީ, ފުލުހުން ބުނިގޮތުގައި ދެ ބިދޭސީ ފިރިހެންނުންނަށާއި ދިވެހި ފިރިހެނަކަށެވެ. އަދި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް އެ ހިދުމަތުން ވަނީ ބުނެފަ އެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ އިތުރުބެގަ އެވެ. އެގޮތުން، ރޭ ހުޅުމާލޭ ހައިވޭ ކައިރީގައި ހުންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދިނެވެ.

މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އަބްދުލް ލަތީފް ވެސް ވަނީ ފަރުވާދެމުންދަނިކޮށް މަރުވެފަ އެވެ. އޭގެ އަނެއް ދުވަހު ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ވެސް ސައިކަލު ދުއްވަން އިން ލ. އިސްދޫ ހަސަން ސަމާހު ވަނީ މަރުވެފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އޮގަސްޓު މަހާ ހަމައަށް 1،907 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

tel:+9607331319