
މުއައްސަސާތަކަށް ރައްޔިތުންގެ ގެއްލުނީ ރައީސް މުއިއްޒުގެ ސަބަބުން: ރައީސް ޔާމީން

މުޙައްމަދު ފަޟްލޫން - 17 އޯގަސްޓު 2026 - 11:24
މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގެ މުއައްސަސާތަކަށާއި އެ ތަންތަނުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަރުގެ އަދަބު ތަންފީޒު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވާތީ، އެކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ވިފާގު އިބްރާހީމް ޢަދުނާންގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރައްވަން މިނިސްޓަރު އިޙްސާނަށް ކެރިވަޑައިނުގެންނެވި ކަމަށާއި، އެ މައްސަލައިގައި ފުރިހަމަ ޖިނާއީ ތަޙުގީގެއް ހިންގަންޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ވިފާގު މަރުވެފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު، އޭނާ ދިރިއުޅެމުންދިޔަ މ. ހަސޯވާގޭގެ 10 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ.
އެ މަރުގެ މައްސަލައިގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ޕީއެންއެފުން ތުހުމަތުތަކެއް ކުރަމުން ދިޔަނަމަވެސް، ފުލުހުން ވަނީ އާއިލާއަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް ކަމެއް އަދި ޖިންސީ ގޯނާއެއްގެ ނިޝާނެއްވެސް އޭނާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށް ބުނެފައެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ވިފާގު މަރުވިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު ޖިނާއީ ތަހުގީގެއްގެ ގޮތުން ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށެވެ.
ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވާހަކަ ދެއްކެވި ނަމަވެސް، ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރު މިހާރު ވަނީ ގެއްލިފައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ހުރިހާ މުއައްސަސާތަކެއްގެ އިތުބާރު ހޯދަން މިސަރުކާރުން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރެއްވި ނަޖުމާއަށް ރައީސް ނަޝީދުގެ މަރުޙަބާ!
26 މިނިޓު ކުރިން

ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހިއްކައި ނިމިއްޖެ
27 މިނިޓު ކުރިން

ރިސޯޓް ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ
ގަޑިއިރެއް ކުރިން

މާލެ ޓެކްސީ ލައިނުގެ މައުލޫމާތުތަކެއް ލީކުކުރި މުވައްޒަފެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި
2 ގަޑިއިރު ކުރިން


