logo

ނ. ހޮޅުދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިއްޖެ

profile

އާމިނަތު ޝަޒްލާ - 10 އޯގަސްޓު 2026 - 12:42

ނ. ހޮޅުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ސާފު ބޯފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދިޔަ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމާލައިފިއެވެ.

https://wamco.com.mv/

2019 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢު، މިހާރު ނިމިފައިވާއިރު، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމުމާއެކު މިހާރު ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.

މި ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދާއި، އެ ވުޒާރާގެ ޓެކްނިކަލް ޓީމުގެ އިތުރުން ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި ހޮޅުދޫ ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.

16 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ހޮޅުދޫގައި ވަނީ ވަރުގަދަ އުމްރާނީ ވަސީލަތްތަކެއް ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި:

  1. 6.6 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އެޅުން.
  2. 60 ޓަނުގެ 2 އާރްއޯ ޕްލާންޓް ބެހެއްޓުން.
  3. 25 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ބެހެއްޓުން.
  4. 350 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކް ޤާއިމުކުރުން.
  5. 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއް ޤާއިމުކުރުން.

މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މިހާރު ކުރިއަށްދަނީ މި ނިޒާމު އޮޕަރޭޓްކުރުމަށްޓަކައި އޮޕަރޭޓަރާ ހަވާލުކުރުމުގެ އިދާރީ މަސައްކަތްތަކެވެ. ހޮޅުދޫގައި ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިން ކަމަށްވާތީ، މި ފެނުގެ ނިޒާމުވެސް ހިންގައި ބަލަހައްޓާނީ އެ ކުންފުނިންނެވެ.

ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ 11 ރަށެއްގައި ފެނާ ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް ފެށި މަސައްކަތުގެ ބައެކެވެ. 1400އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ހޮޅުދޫގައި މި ޚިދުމަތް ފެށުމާއެކު، ރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބުމުގައި އޮތް ތާށިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319