
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަސްލުޓީވީގެ ބާބު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަނީ.
މިއުޅެނީ ދިވެހިރާއްޖެއަށް ނުކަތާވަރަށް ސިޔާސީ އިސްރާފު ގިނަވެގެން: އަލީ ވަހީދު

މުޙައްމަދު ފަޟްލޫން - 13 ސެޕްޓެމްބަރު 2026 - 18:15
މިއުޅެނީ ދިވެހިރާއްޖެއަށް ނުކަތާވަރަށް ސިޔާސީ އިސްރާފު ގިނަވެގެން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ބާބު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މިރޭ ވާހަކަދައްކަވަމުން އަލީ ވިދާޅުވީ، މިހާރު ވެރިކަމާ ހަވާލުވެ ތިބި ފަރާތްތަކަށް ސަރުކާރު ހިންގުމުގެ ގާބިލުކަން ނެތް ކަމަށެވެ.
މި ގައުމަކީ އެންމެހައި ރައްޔިތުންގެ ހައްގެއް ކަމަށާއި، ދައުލަތުގެ ބަޖެޓަކީ ވެސް މުޅި ރައްޔިތުންގެ ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ، ސަރުކާރު ހިންގަން ނޭނގި، ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ އިދާރީ އޮނިގަނޑު ބޮއްސުންލައިގެން ދިއުމުން، ފަތުރުވެރިކަމުގެ ސިނާއަތް ހަލާކުކޮށްލުމަށާއި، އެމްޑީޕީގެ އާންމު މެންބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް ދަތިކޮށް ފިޔަވަޅު އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޑަ ސަރުކާރެއް ހިންގުމުގެ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ ސައިޒް ކުޑަ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާ ލައްވައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ވަޒީފާއިން ވަކިކުރަނީ އެމްޑީޕީ އަށް ނިސްބަތްކުރާ މެންބަރުން ކަމަށާއި، އޭގެ ބަދަލުގައިދައުލަތުގެ ވުޒާރާތަކާއި ކުންފުނި ތަކުން ވެސް ސިޔާސީ މަގާމުތައް ބޮޑެތި މުސާރަތަކުގައި ދެމުން އަންނަ ކަމަށެވެ.
މީގެއިތުރުން، ގައުމުގެ މާލީ އަދި އިގުތިސާދީ ހަގީގީ ހާލަތު ރައްޔިތުންނަށް ސާފުކޮށް ހާމަކުރުމަށްފަހު، ސަރުކާރުގެ ވަޒީފާތަކަށް ބަދަލު ގެނައުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) މުވައްޒަފުން ވަކިކުރަންވާނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން، ދެފުށް ފެންނަ އިންސާފުވެރި ނިޒާމެއްގެ ދަށުން ކަމަށް އަލީ ވިދާޅުވިއެވެ.
ވަޒީފާއިން މީހުން ވަކިކުރާއިރު، އެ މުވައްޒަފުންގެ ފަހަތުގައި ބަލަހައްޓަންޖެހޭ އާއިލާއަކާއި އަނބިދަރިން ތިބޭނެކަން ހަނދާން ބަހައްޓަންޖެހޭނެ ކަމަށްވެސް އަލީ ވިދާޅުވިއެވެ.
މުވައްޒަފެއްގެ ދިރިއުޅުމުގެ އެންމެހައި ކަންކަން ބިނާވެފައިވަނީ އޭނާއަށް ލިބޭ އުޖޫރައިގެ މައްޗަށް ކަމަށްވާއިރު، ސިޔާސީ ފިކުރަށް ބަލައި ނުވަތަ ސަރުކާރުގެ ވެރިންނަށް ފެންނަހާ ގޮތަކަށް ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުން ސަރުކާރަށް ދިން މެންޑޭޓާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނަމާލެ ބްރިޖަށް ގެއްލުން ލިބުނު މައްސަަލަ ތަހުގީގްކޮށް ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
41 މިނިޓު ކުރިން

ޗިލީގެ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހުން މަރުވެއްޖެ
5 ގަޑިއިރު ކުރިން

ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
5 ގަޑިއިރު ކުރިން

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފި
6 ގަޑިއިރު ކުރިން


