logo

ހުޅުމާލޭގެ ޓަވަރުތަކާއި މަގުތަކުގެ ރައްކާތެރިކަމަށް ސިޓީ ކައުންސިލުން އެޗްޑީސީގައި އެދެފި

profile

އާމިނަތު ޝަޒްލާ - 05 ސެޕްޓެމްބަރު 2026 - 05:50

ހުޅުމާލޭގެ ރެސިޑެންޝަލް ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މަގުމަތީގެ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި މާލެ ސިޓީ ކައުންސިލުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ރަސްމީކޮށް އެދިއްޖެއެވެ.

https://wamco.com.mv/

މާލެ ސިޓީ ކައުންސިލުން މިކަމަށް އެދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) ޢަލީ ޒުހައިރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ސެޕްޓެންބަރު 2024 ގައި ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 15 ވަނަ އާންމު ޖަލްސާއިން މި މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޓަވަރުތަކުގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވުމާއެކު، އިމާރާތްތަކުގެ ކުޑަދޮރުތަކާއި ހުސްކޮށް ހުންނަ ބައިތަކުގެ ރައްކާތެރިކަމާމެދު އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ވަކިން ހާއްސަކޮށް، ވައިގޮޅިތަކާއި ކުޑަދޮރުތައް ހުންނަ ގޮތުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެތީ، ހުރިހާ ޓަވަރެއްގެ ކުޑަދޮރުތަކާއި ވައިގޮޅިތަކުގައި ރައްކާތެރިކަމުގެ ގްރިލް ނުވަތަ ރޭލިންގ ހަރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ހުރިހާ ޓަވަރެއްގެ ސަލާމަތީ ކަންކަން ވަޒަންކޮށް، އެއް މިންގަނޑަކުން ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، ހުޅުމާލޭގެ އާބާދީ އިތުރުވެ އުޅަނދުފަހަރު ގިނަވަމުންދާއިރު، މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވުމާއި ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާ މައްސަލައަށްވެސް ސިޓީގައި އަލިއަޅުވާލާފައިވެއެވެ. މިކަމުގެ ސަބަބުން ހިނގާ މީހުންނާއި، ބައިސްކަލް ދުއްވާ ފަރާތްތަކަށް ބޮޑު ނުރައްކަލެއް އޮތްކަން ފާހަގަކޮށް، ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ވަނީ ގޮވާލާފައެވެ.

އެގޮތުން އިތުރު ބަމްޕަރުތައް ހަރުކުރުމާއި، ކްރޮސްވޯކްތައް ހެދުމާއި، ޓްރެފިކް ނިޝާންތަކާއި މަގުމަތީގެ ކުރެހުންތައް އިތުރުކުރުމުގެ އިތުރުން ސްޕީޑް މޮނިޓަރ ކުރާނެ ނިޒާމުތައް ގާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ. ހާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، ސްކޫލް ޒޯންތައް އަދި ޕާކުތައް ފަދަ އާއިލާތައް އެއްވާ ތަންތަނަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ޒިންމާދާރުކަމާއެކު ދުއްވުމަށް އާންމުން ހޭލުންތެރިކުރުވުން މުހިންމުކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ރައްޔިތުންގެ ސަލާމަތާއި ދުޅަހެޔޮކަމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި ފާހަގަކުރަމުން، ޓަވަރުތަކުގައި ރެއިލިންގ ޖެހުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށާއި، އެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީގައި އެދިފައެވެ.

https://wamco.com.mv/
tel:+9607331319