
ނޭޕާލްގެ ފެންބޮޑުވުން: މަރުވި މީހުންގެ އަދަދު 1،280 އަށް ވުރެ މައްޗަށް!

އާމިނަތު ޝަޒްލާ - 04 ސެޕްޓެމްބަރު 2026 - 10:30
ހިމާލަޔާ ފަރުބަދަމަތީގެ ސަރަހައްދުތަކަށް ކުއްލިއަކަށް އައި ވަރުގަދަ ފެންބޮޑުވުމާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ނުރައްކާތެރި ގުދުރަތީ ކާރިސާގައި، ނޭޕާލާއި ޗައިނާގެ ސަރަހައްދުން މަރުވި މީހުންގެ ޖުމްލަ އަދަދު 1،280 އަށް އަރައިފިއެވެ.
މި ބޮޑު ކާރިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ސައިންސްވެރިން ލަފާކުރަނީ، ލަންގްޓަންގް ލިރުންގް ފަރުބަދަ ކައިރީގައި އޮންނަ ގްލޭޝިއާއެއް ފަޅައިގެން ދިއުމެވެ. މީގެ ސަބަބުން އުފެދުނު ބާރުގަދަ ފެންގަނޑާއެކު ގިނަ އަދަދެއްގެ މަށި އަދި ބޮޑެތި ހިލަގާތައް ބާރުމިނެއްގައި ތިރިއަށް ފައިބައިގެން ގޮސް، ކައިރީގައިވާ ރަށްތަކާއި، މަގުތައް އަދި ފާލަންތައް ވަނީ އެއްކޮށް ދޮވެވި ސުންނާފަތިވެފައެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ދެ ގައުމުގެ ބޯޑަރު ސަރަހައްދުން 5،600 އަށް ވުރެ ގިނަ މީހުން އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މީގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ މަދުވެގެން 550 ބިދޭސީން ވެސް ހިމެނެއެވެ.
ނޭޕާލްގެ ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއާރްއާރްއެމްއޭ) އިން ބުނި ގޮތުގައި، ހަމައެކަނި ނޭޕާލްގެ ސަރަހައްދުން ވެސް މިހާތަނަށް 1،252 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި ނޭޕާލާ އިންވެގެން އޮތް ޓިބެޓް ސަރަހައްދުން 21 މީހުން މަރުވެ، 541 މީހުން ގެއްލިފައިވާ ކަމަށް ޗައިނާގެ އޮފިޝަލުން ވަނީ ރިޕޯޓްކޮށްފައެވެ.
ހާދިސާ ހިނގި ސަރަހައްދުތަކުގައި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ގެއްލިފައިވާ މީހުންގެ އާއިލާތަކުން ދަނީ ހޮސްޕިޓަލްތަކާއި ޓަނަލްތައް ކައިރިއަށް އެއްވެ، ލޯބިވާ މީހުންގެ އެއްވެސް ޚަބަރެއް ލިބޭތޯ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.
މަގުތައް ހަލާކުވެ، އެކަހެރިވެފައިވާ އަވަށްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް ކަމާބެހޭ ޓީމުތަކުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މިގޮތުން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ހެލިކޮޕްޓަރާއި ޒިޕްލައިން ފަދަ ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ. އދ. ގެ ތަރައްގީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ލަފާކުރާ ގޮތުގައި މި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުތަކަށް 2.2 މިލިއަން ޓަނުގެ ކުނިބުންޏާއި ކިސަޑު ވަނީ ޖަމާވެފައެވެ.
ސަލާމަތީ އިދާރާތަކުން ބުނާ ގޮތުގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
ގުޅުން ހުރި ޙަބަރުތައް

އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި
15 ގަޑިއިރު ކުރިން

1.7 ކިލޯގެ ޑްރަގާއި ވޭޕް އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ނެޓްވޯކެއްގެ އިސް ދެ މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން

ނޭޕާލްގައި ފެންބޮޑުވެ ހޮހޮޅައެއްގައި ތާށިވި ދެ މީހަކު 9 ދުވަސް ފަހުން ސަލާމަތްކޮށްފި
18 ގަޑިއިރު ކުރިން


