
ނޭޕާލްގައި ފެންބޮޑުވެ ހޮހޮޅައެއްގައި ތާށިވި ދެ މީހަކު 9 ދުވަސް ފަހުން ސަލާމަތްކޮށްފި

އާމިނަތު ޝަޒްލާ - 04 ސެޕްޓެމްބަރު 2026 - 10:27
ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ސަރަޙައްދަށް އައި ކުއްލި ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާގައި، ހައިޑްރޯޕަވާ މަޝްރޫޢެއްގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައި ތިބި ދެ މަސައްކަތްތެރިއަކު، ނުވަ ދުވަސް ފަހުން ދިރިތިއްބާ ސަލާމަތްކޮށްފިއެވެ.
މި ދެ މީހުން ސަލާމަތްކޮށްފައިވަނީ ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ސަރަޙައްދު ކަމަށްވާ "ޓްރިޝޫލީ 3އޭ ހައިޑްރޯޕަވާ ޕްރޮޖެކްޓު"ގެ ޓަނަލުންނެވެ. ނޭޕާލް އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ރާޖާ ރާމް ބަސްނެތު މަޢުލޫމާތު ދެއްވި ގޮތުގައި، މި ދެ މަސައްކަތްތެރިން ފެނިފައިވަނީ ޓަނަލުގެ ގާތްގަނޑަކަށް 170 މީޓަރު އަޑިންނެވެ.
މީހުން ސަލާމަތްކުރުމަށް ހިންގި މި ޚާއްޞަ އޮޕަރޭޝަނުގައި އެންމެ ފުރަތަމަ ސަލާމަތްކުރެވުނީ އެ ޕްރޮޖެކްޓުގެ ފޯމަނެއްގެ ވަޒީފާ އަދާކުރަމުންދިޔަ ސަންޖޭ ޝާހެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެ މަޝްރޫޢުގެ ސުޕަވައިޒަރެއް ކަމަށްވާ ކަބީރު މަހަރްޖަން ވެސް ވަނީ ކާމިޔާބުކަމާއެކު ސަލާމަތްކޮށްފައެވެ.
ނޭޕާލްގެ އަސްކަރިއްޔާއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މުޅި މީހާ ޗަކައިން ތަތްތެޅިފައިވާ ޝާހް ޓަނަލުން ނެރުނުއިރު އޭނާ ހުރީ ހޭހުއްޓެވެ. އޮފިޝަލުން ހާމަކުރި ގޮތުގައި، ސަލާމަތްކުރި ދެ މީހުންގެ ހާލުވެސް މިހާރު ސްޓޭބަލް (ރަނގަޅު) ކަމަށާއި، އިތުރު ފަރުވާއާއި ޓެސްޓުތައް ހެދުމަށްޓަކައި އެމީހުން މިހާރު ވަނީ ވެރިރަށް ކަތަމަންޑޫގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަޙައްދުގައި ހުންނަ ފަރުބަދަތަކުން ގަނޑުފެން ވިރިގެން ބާރުގަދަ ފެންގަނޑަކާއި ޗަކަ ފައިބައިގަތުމުގެ ސަބަބުންނެވެ. މި ބާރުގަދަ ސައިލާބުގައި ބޮޑެތި ހިލަތަކާއި ޗަކަ އެޅި، އެ ސަރަޙައްދުގެ ޓަނަލްތަކުގެ ދޮރުތައް ވަނީ އެއްކޮށް ބަންދުވެފައެވެ. މި ހިތާމަވެރި ކާރިސާގައި މިހާތަނަށް 1،259 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 5،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި
15 ގަޑިއިރު ކުރިން

1.7 ކިލޯގެ ޑްރަގާއި ވޭޕް އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން

ނޭޕާލްގެ ފެންބޮޑުވުން: މަރުވި މީހުންގެ އަދަދު 1،280 އަށް ވުރެ މައްޗަށް!
18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ނެޓްވޯކެއްގެ އިސް ދެ މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން


