logo

ގާތްގަނޑަކަށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ނެޓްވޯކެއްގެ އިސް ދެ މީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 04 ސެޕްޓެމްބަރު 2026 - 10:29

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހަކު، ގާތްގަނޑަކަށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރު ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ހާއްސަ އޮޕަރޭޝަން ހިންގާފައިވަނީ އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫގެ ދެ ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އުމުރުން 29 އަހަރުގެ އަޒުހަދު ނަސީމް އަދި ގއ. މާމެންދޫ، 29 އަހަރުގެ ރޯޝަނީގެ، ރިޝްފާން ރާމިޒުއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ދެ މީހުންނަކީވެސް މި ޑްރަގް ނެޓްވޯކް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހުންނެވެ.

މާމެންދޫން ބަލައިފާސްކުރި ދެ ގެއިން ވަގުތީ ބަރުދަނުގައި ގާތްގަނޑަކަށް 17.7 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން މި މައްސަލައާ ގުޅުންހުރި އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި، މުޅި މައްސަލަ އަޕަރ ސައުތު ޕޮލިހާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

https://wamco.com.mv/
tel:+9607331319