
އަދުލު އިންސާފު ގާއިމްކުރުމުގައި ވަކި މީހަކަށް ބެލުމެއް ނޯންނާނެ: ރައީސް

މުޙައްމަދު ފަޟްލޫން - 31 އޯގަސްޓު 2026 - 11:28
އަދުލު އިންސާފު ގާއިމްކުރުމުގައި ވަކި މީހަކަށް ބެލުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި 7 ބިލެއް ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން ތަސްދީގުކުރާ ކޮންމެ ބިލަކީ އޭގެ ސަަބަބުން ރައްޔިތުންނަށް ފައިދާކުރާނެ ބިލުތަކެއް ކަމަށެވެ.
ބިލުތައް ފާސްކުރެއްވުމަށް ފަހު އެބިލުތަކުން ލިބޭނެ ފައިދާތަކަށް ރައީސް ވަނީ އަލި އަޅުއްވާލައްވާފައެވެ. އެގޮތުން ބޭރުފައިސާ އާއި ބެހޭ ގާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލުގެ ސަަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގުހެޔޮވެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބިލުގައި ބަޔާންކޮށްފައިވާ މިންވަރުގެ ބޭރު ފައިސާ ބޭންކުތަކަށް މާރުކުރުމަކުން ރިސޯޓްތަކުގެ އޮޕަރޭޝަނަށް އަދި ޑޮލަރުން މުސާރަ ދޭންޖެހޭ މުވައްޒަފުންނަށް މުސާރަ ދިނުމަށް ހުރަސްނޭޅޭނެކަން ދިރާސާތަކާއި ހިސާބުތަކުން ފެންނަން ހުރިކަން ފާހަގަކުރައްވައި އެކަމަކީ ބަހަނާއެއް ކަމަށް ހަދައިގެން ޑޮލަރުން މުސާރަ ލިބޭ ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
ބޭރުފައިސާ އާއި ބެހޭ ގާނޫނު ތަންފީޒުކުރުމުގައި ތަންފީޒީ އިދާރާތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އެއްބާރުލުން ލިބޭނެކަން ޔަގީންކުރައްވާ ކަަމަށް ރައީސް ވިދާޅުވިއެވެ.
ޓެކްސް އާއި ގުޅުންހުރި އިސްލާހުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ މުދަލާއި ހިދުމަތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 8 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ޑެސްޓިނޭޝަން ޕްރިންސިޕަލް ތައާރަފްކުރުމާއެކު ގެނެވުނު ބަދަލުތަކެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަގްސަދަކީ 2040 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި ތަރައްގީވެފައިވާ ނިޒާމެއްގައި އޮންނަންޖެހޭ ގާނޫނީ ނިޒާމް ބިނާކުރުމާއި ކުރިން ގާނޫނުތަކުގައި ހުރިކަންކަން ޒަމާނާއި ހާލަތާ އެއްގޮތަށް ބަދަލުކުރުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު އިތުރުވެއްޖެ
16 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސީ މަގާމްތައް މިދަނީ މަދުކުރަމުން: ރައީސް
16 ގަޑިއިރު ކުރިން

ޓޫރިޒަމް ޖީއެސްޓީ އިސްލާހު ރައީސް ތަސްދީގުކުރައްވައި ޤާނޫނަކަށް!
17 ގަޑިއިރު ކުރިން

ހުޅުމާލޭގެ މަގުތައް އަމާންކުރުމަށް މަޝްވަރާކޮށްފި
17 ގަޑިއިރު ކުރިން


