logo

އަބޫދާބީގައި ބާއްވާ ބޮޑު މިއުޒިކީ ފެސްޓިވަލެއް ކަމަށްވާ "ޔުނިފައިޑް" ޝާހްރުކް ޚާން އިއުލާންކޮށްފި

profile

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 03:12

އިންޑިއާގެ އެންމެ މަގުބޫލު މިއުޒިކީ ތަރިންނާއެކު އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ބޮޑު މިއުޒިކް ފެސްޓިވަލެއް، ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން އިއުލާންކޮށްފިއެވެ.

https://wamco.com.mv/

"ހިންދުސްތާން ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ޔުނިފައިޑް" ގެ ނަމުން ނަންދީފައިވާ މި ފެސްޓިވަލަކީ ތަފާތު ޖީލުތަކުގެ ފަންނާނުންނާއި މިއުޒިކީ އެކި ދާއިރާތަކުގެ ހުނަރުވެރިން ބައިނަލްއަގުވާމީ މައިދާނަކުން ބައްދަލުކުރުވުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ. މިއީ އިންޑިއާގެ މިއުޒިކަށް ދުނިޔޭގެ ފެންވަރުގައި ލިބެމުންދާ މަގުބޫލުކަން ދައްކާލުމާއެކު، އިންޑިއާ އާއި މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އެއްތަނަކަށް ޖަމާކުރުމަށް ބާއްވާ ހަރަކާތެކެވެ.

މި ފެސްޓިވަލް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ހަރަކާތް އޮންނާނީ 20 މާރިޗު 2027 ގައި، އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގެ ޔަސް އައިލެންޑްގައި ހުންނަ "އިއްތިހާދު ލައިވް" ގައެވެ. މި ހަރަކާތަކީ ޝާހްރުކް ޚާންގެ އިރުޝާދުގެ ދަށުން، ޑިސްޓްރިކްޓާ ގުޅިގެން "ޑީޔާވޯލް ލައިވް" އިން އިންތިޒާމުކުރާ ފެސްޓިވަލެކެވެ.

undefined

މިހާތަނަށް މި ފެސްޓިވަލުން ފެންނާނެކަން ކަށަވަރުވެފައިވާ ފަންނާނުންގެ ތެރޭގައި، ބޮލީވުޑްގެ އަސަރުގަދަ ލަވަތަކަށް މަޝްހޫރު އަރިޖީތް ސިންގް، އިންޑިއާގެ މިއުޒިކީ ދާއިރާގެ ތަޖުރިބާކާރު އަދި ފުންނާބު އުސް ފަންނާނު ސޯނޫ ނިގާމް، އަދި ޕަންޖާބީ މިއުޒިކުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ ކަރަން އައުޖްލާ ހިމެނެއެވެ. ފެސްޓިވަލް އިންތިޒާމުކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އެކި ސްޓޭޖްތަކުގައި ޖުމްލަ 15 އަށްވުރެ ގިނަ ފަންނާނުން ހުނަރު ދައްކާނެ ނަމަވެސް، ހުރިހާ ފަންނާނުންގެ ފުރިހަމަ ލިސްޓު އަދި އާންމެއް ނުކުރެއެވެ.

މި ފެސްޓިވަލް އިއުލާންކުރުމަށްޓަކައި ޝާހްރުކް ޚާން ވަނީ މަޖާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ކީބޯޑު، ޑްރަމް، ގިޓާ އަދި ވައިލިން ފަދަ އާލާތްތައް ކުޅެވޭތޯ މަސައްކަތްކުރުމަށްފަހު، މިއުޒިކީ ކަންކަން އެ ދާއިރާގެ މާހިރުންނަށް ދޫކޮށްލަންވީ ކަމަށް ބުނެ، މި އިވެންޓުގައި ބައިވެރިވާ މައިގަނޑު ފަންނާނުން ވަނީ ތައާރަފުކޮށްދީފައެވެ. ތަފާތު ރަހަތަކުގެ މިއުޒިކް ކުޅޭ ފަންނާނުން އެއް ފުރާޅެއްގެ ދަށުން ފެންނާނެތީ، މި އިއުލާނާއެކު ސަޕޯޓަރުންގެ މެދުގައި ބޮޑު ފޯރިއެއް ވަނީ އުފެދިފައެވެ.

މި ފޯރިގަދަ މިއުޒިކީ ހަރަކާތުގެ ޓިކެޓް އޮކްޓޫބަރު 20 އިން ފެށިގެން "ޑިސްޓްރިކްޓް" އެޕް މެދުވެރިކޮށް އާންމުކޮށް ވިއްކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ޓިކެޓްގެ އަގުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ޝާހްރުކްގެ ބައިވެރިވުމާއެކު ކުރިއަށްދާ މި ފެސްޓިވަލް ވެގެންދާނީ 2027 ވަނަ އަހަރު އަބޫދާބީގައި ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓަށެވެ.

https://wamco.com.mv/
tel:+9607331319