.webp&w=3840&q=75)
ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަލާކުވި އުޅަނދެއްގެ ކައިރިއަށް ފަލަސްތީނުގެ ރައްޔިތުން އެއްވެފައި،، ފޮޓޯ: ރޮއިޓާސް
އިސްރާއީލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ ހަތަރު މީހަކު ޝަހީދުވެއްޖެ: ސިއްހީ ޚިދުމަތްތެރިން

އާމިނަތު ޝަޒްލާ - 23 އޮކްޓޯބަރު 2026 - 13:24
ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކަށް ޔަހޫދީ އިސްރާއީލު ސިފައިން ބުރާސްފަތި ދުވަހު ދިން ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ހާމަކޮށްފިއެވެ.
ސިއްހީ ޚިދުމަތްތެރިން މައުލޫމާތު ދޭ ގޮތުގައި، ޣައްޒާ ސިޓީގައި ދުއްވާފައި ދިޔަ ކާރަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި އެކަކު ވަނީ ޝަހީދުވެފައެވެ. މި ހާދިސާގައި ކުރިން ދެ މީހުން ޝަހީދުވި ކަމަށް ރިޕޯޓްކުރެވުނު ނަމަވެސް، ފަހުން އެ އަދަދު ވަނީ އިސްލާހުކޮށްފައެވެ. ހާދިސާ ހިނގި ސަރަހައްދުން ފެންނަ މަންޒަރުތަކުން އެނގޭ ގޮތުގައި، އަނދަމުންދިޔަ ކާރުގެ ވަށައިގެން އާންމުން އެއްވެފައިވާއިރު، އިމަޖެންސީ ޓީމުތަކުން ދިޔައީ ފެން ޖަހައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ބައިސްކަލެއްގައި ދިޔަ ފަލަސްތީނު މީހަކާއި، މެދުތެރޭ ޣައްޒާގެ ނުސީރާތު ރެފިއުޖީ ކޭމްޕް ކައިރިންވެސް މީހަކު ޝަހީދުވެފައިވާ ކަމަށް މެޑިކަލް ޓީމުތަކުން ބުނެއެވެ. އަދި އުތުރުގެ ޖަބަލިއާ ރެފިއުޖީ ކޭމްޕް ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު ޝަހީދުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލު ސިފައިން ބުނެފައިވަނީ ޚާން ޔޫނިސް، ނުސީރާތު އަދި ޣައްޒާ ސިޓީގައި ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ. ނަމަވެސް ޖަބަލިއާގައި ހިނގި ކަމަށް ބުނާ ބަޑީގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް އެ ފަރާތުން ބުނެއެވެ.
އަހަރެއްހާ ދުވަސްވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ހަމާސްއިން އަލުން ހަތިޔާރު އެއްކޮށް، ހަމަލާތައް ދެމުންދާ ކަމަށް ބުނެ، ފާއިތުވި ހަފުތާތަކުގައި އިސްރާއީލުން ވަނީ ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެހެންނަމަވެސް، ހަމާސްއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި ހަތިޔާރު އުފެއްދުމަށާއި ހަމަލާތައް ދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް ހުރަސް އަޅަނީ އިސްރާއީލުން ކަމަށްވެސް ހަމާސްއިން ތުހުމަތުކުރެއެވެ.
އެމެރިކާ މެދުވެރިވެގެން މިދިޔަ އަހަރު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޣައްޒާ އަލުން އާރާސްތުކުރުމަށް ގޮވާލާފައިވީ ނަމަވެސް، ހަމާސްއިން ހަތިޔާރު ބެހެއްޓުމަށާއި އިސްރާއީލު ސިފައިން ފޭބުމުގެ ޝަރުތުތަކާ މެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، އެ މަސައްކަތަށް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އިސްރާއީލުގެ އަނިޔާވެރި ވައިގެ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާއިރު، ހަނގުރާމަ ހުއްޓާލި ފަހުންވެސް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ 1,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި އިސްރާއީލުން ބުނާ ގޮތުގައި މި މުއްދަތުގައި އެ ގައުމުގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ.
ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، 2023 އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާގައި 1,200 އެއްހާ މީހުން މަރުވުމާ ގުޅިގެން، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ލާއިންސާނީ އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 74,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާކިސްތާނާއެކު ރާއްޖެ އިން ހެދި އެއްބަސްވުންތަކަށް ފާރަވެރިވާނެ ކަމަށް އިންޑިޔާ އިން ހާމަކޮށްފި!
10 މިނިޓު ކުރިން
މި ސަރުކާރަށް ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ކްރެޑިޓް ނެގޭކަށް ނެތް :ރިޔާޒް މަންސޫރު
ގަޑިއިރެއް ކުރިން

ބޮޑުބަދަލުގެ މައިގަނޑު މަހްފޫމް އަކީ ސަރުކާރުގެ ވެރިޔާ ގައިގަ ޗޭނު އަޅުވާ ތަޅުލުން: ފައްޔާޒް
ގަޑިއިރެއް ކުރިން

އީގަލް ހިލްސް ކުންފުނިން ވަނީ ސަރުކާރުގެ އިސް ފަރާތްތަކަށް ކޮރޮޕްޝަނުގެ ފައިސާ ބަހާފައި: ޕާޕާ
ގަޑިއިރެއް ކުރިން


