
އީމާންކަމުގެ އަހުލުވެރިންގެ ޝިއާރަކީ ތައުހީދު: ހައްޖު ހުތުބާ

މުޙައްމަދު ފަޟްލޫން - 26 މޭ 2026 - 11:30
އީމާންކަމުގެ އަހުލުވެރިންގެ ޝިއާރަކީ ތައުހީދު ކަމަށް މިއަދުގެ ހައްޖު ހުތުބާގައި ގޮވާލައްވައިފިއެވެ.
މިއަހަރުގެ ހައްޖު ހުތުބާގައި ބަޔާންކުރެއްވި ގޮތުގައި، މުއުމިނުތަކުންގެ އެންމެ މަތިވެރި ޝިޢާރަކީ މާތް ﷲ އެއްކައުންވަންތަކުރުން ނުވަތަ ތައުޙީދެވެ.
އިސްލާމްދީނުގެ ފަސް ރުކުން ކަމުގައިވާ، ޝަހާދަތުގެ ދެކަލިމަ ކިޔުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމުގެ އިތުރުން ޙައްޖުގެ މަތިވެރި އަޅުކަން ބިނާވެގެންވަނީ ވެސް މި މަތިވެރި އަޞްލުގެ މައްޗަށް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކޮންމެ ޙާލެއްގައިވެސް މާތް ﷲއަށް ޝުކުރުވެރިވުމަށާއި، ކެތްތެރިކަން އިސްކުރުމަށް ޚުޠުބާގައި ގޮވައިލެއްވިއެވެ. ކެތްތެރިންނަށް މާތް ﷲ ދެއްވާނެ ދަރުމައާއި ޘަވާބަކީ އެއްވެސް ހިސާބެއް ނެތް މަތިވެރި ނިޢުމަތެއްކަން ބަޔާންކުރައްވަމުން، އައްޒުމަރު ސޫރަތުގެ 10 ވަނަ އާޔަތް ވިދާޅުވިއެވެ.
އެ އާޔަތުގެ މާނައިގައިވަނީ: "ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތަޤުވާވެރިވާށެވެ! މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި ﷲގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއްނެތިއެވެ.
މާތް ﷲގެ އުފެއްދެވުންތަކުން އެކަލާނގެ ކައުނީ ސުންނަތްތައް ފެންނަން ހުރިކަމާއި، މުއުމިނު އަޅުންނަށް އެކަންކަން ފާހަގަވެ ޢިބުރަތް ލިބިގަނެވޭނެކަން ޚުތުބާގައި ބަޔާންކުރެއްވިއެވެ. އަދި ﷲގެ އަމުރުފުޅުތަކަށް އުރެދި، އެއިލާހުގެ އާޔަތްތަކަށް ދެކޮޅުހަދާ މީހުންގެ ނިމުން ހިތިވާނެކަމުގެ އިންޒާރު ދެއްވައި، މީގެ ކުރިން ނުކިޔަމަންތެރިވި އެތައް އުންމަތްތަކެއް ހަލާކުކުރެއްވި ގޮތުގެ ވާހަކަ ޛިކުރުކުރެއްވިއެވެ.
މީގެ އިތުރުން، އިބްރާހީމުގެފާނަށް މާތް ﷲ ކުރެއްވި އަމުރުފުޅާ އެއްގޮތަށް، މީސްތަކުންނަށް ޙައްޖުގެ އަޅުކަމަށް ގޮވައިލެއްވިކަން ފާހަގަކުރެއްވިއެވެ.
އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ﴾ (الحج: ٢٧) މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.
މި މަތިވެރި އަޅުކަމުގެ އަސްލު މަޤްޞަދަކީ މާތް ﷲ ހަނދުމަކުރުންކަން ބަޔާންކުރައްވައި، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖަމާވެފައިވާ މުސްލިމުންނަކީ އިބްރާހީމުގެފާނުގެ އެ ދައުވަތަށް އިޖާބަދީ، މާތް ﷲ ތަޤްދީސްކޮށް މަތިވެރިކުރުމުގައި ދެމިތިބި ބައެއްކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ޙައްޖު ޚުޠުބާގައި އަލިއަޅުވައިލެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރުމުން ﷲގެ ގެކޮޅު ޠާހިރުކުރެއްވުމުގެ މުހިންމުކަން ހިމެނެއެވެ.
އަރަފާތުގެ މާތް ބިމާއި ކައުބަތުﷲ ގެކޮޅަކީ ސިޔާސީ ހުރިހާ ފިކުރުތަކަކުން އެއްކިބާވެފައިވާ، ޠާހިރު ތަނެއްގެ ގޮތުގައި ބޭއްވުމުގެ މުހިންމުކަން ހައްޖު ހުތުބާގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދޮގު ވާހަކަދެއްކުމާއި ފިތުނަ ފަސާދަ އުފެދޭ ފަދަ ވާހަކަތައް ފެތުރުމުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވެލެއްވިއެވެ.
ހާއްސަކޮށް ދީން ފުރިހަމަކުރެއްވި މާތް ބިމުގައި ތިބޭއިރު، އެފަދަ ނޭދެވޭ އަމަލުތަކާ މުޅިން ދުރުހެލިވުމަށް އިލްތިމާސްކުރެއްވިއެވެ.
ހުތުބާގައި އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ ޢަރަފާތް ދުވަހުގެ މާތްކަމާއި އެ ދުވަހުގެ ދުޢާއެވެ.
އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތް ދުވަހުގެ ދުޢާކަން ފާހަގަކުރައްވައި، ތައުޙީދުގެ ކަލިމަ ކަމުގައިވާ «لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» ގިނަގިނައިން ކިޔުމަށާއި، ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުގައި ދެމިތިބުމަށް ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާ ނިންމަވައިލެއްވީ، އަނިޔާ ލިބެމުންދާ މުސްލިމުންނަށް ކެއްތެރިކަން ދެއްވައި، އެބައިމީހުންނަށް އަވަސް ނަޞްރަކާއި ކާމިޔާބީއަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭން ހިމަބިހީގެ އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު ނުވައަކަށް!
ގަޑިއިރެއް ކުރިން

މާލެ ސަރަހައްދުން މިމަހުގެ މިހާތަނަށް ހިމަބިހީގެ 6 ކޭސް ފެނިއްޖެ
3 ގަޑިއިރު ކުރިން

އީދު ނަމާދު ގަޑީގައި ބަސް ދަތުރު ޝެޑިއުލްއަށް ބަދަލުތަކެއް ގެނެސްފި
3 ގަޑިއިރު ކުރިން

އިސްރާއީލަށް ޖާސޫސްކޮށްދިން މީހަކު އީރާނުން މަރާލައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)