logo

ހިމަބިހި ޖެހުނު މީހުންގެ އަދަދު 243 އަށް، ވެކްސިން ދިނުން ކުރިއަށް!

profile

އާމިނަތު ޝަޒްލާ - 25 އޯގަސްޓު 2026 - 12:57

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް) ގެ 243 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި ބައްޔާ ދެކޮޅަށް މިހާތަނަށް 16،045 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަޙައްދުން ހިމަބިހީގެ އިތުރު 17 ކޭސް ވަނީ ފެނިފައެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު މިހާރު ވަނީ 243 އަށް އަރާފައެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ލަސްނުކޮށް ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރުމަށް ވަނީ އެދިފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުގެ ތެރެއިން، ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައި ނުވާނަމަ، ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ފުރިހަމަކުރުމަށްވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށާއި، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް އެޗްޕީއޭ އިން އިރުޝާދު ދެއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ނުވަތަ ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ، މިފަދަ ގައިންގަޔަށް އަރާ ބަލިތަކާ ގުޅޭގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު ނުފެތުރުމަށާއި، ކަންކަމުގެ ސައްޙަ މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ފޯރުކޮށްދޭ މައުލޫމާތުތަކަށް ބަރޯސާވުމަކީ މުހިންމު ކަމެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319