logo

މާމަކާފަ ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވަނީ

profile

އާމިނަތު ޝަޒްލާ - 25 އޯގަސްޓު 2026 - 12:54

މި އަހަރުގެ ޤައުމީ މާމަކާފަ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އިސްނެގުމުގެ މަތިން ބ. އޭދަފުށީގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

https://wamco.com.mv/

އަންނަ ސެޕްޓެންބަރު މަހުގެ 1 އިން 2 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކަކީ ޕެންޝަން އޮފީހާއި، ބ. އޭދަފުށީ ކައުންސިލް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގުޅިގެން އިންތިޒާމުކުރާ ހަރަކާތްތަކެކެވެ.

މި ހަރަކާތްތައް ފެށުމުގެ ގޮތުން ސެޕްޓެންބަރު 1 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މާމައިންނާއި ކާފައިންނަށް ޚާއްޞަ ހަވީރުގެ ސައެކެވެ. މި ސައިގެ މައިގަނޑު މަޤްޞަދަކީ ދޮށީ އުމުރުގެ ފަރާތްތަކުގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މީގެއިތުރުން، މި ހަވީރުގެ ސައިގެ ތެރެއިން މާމައިންނާއި ކާފައިންގެ އިތުރުން ޢާއިލާތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން، ޕެންޝަން އޮފީހާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގުޅިގެން ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މާމަކާފަ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ސެޕްޓެންބަރު 2 ވާ ބުދަ ދުވަހު، ޕެންޝަން އޮފީހާއި ބ. އޭދަފުށީގެ އެކި މުއައްސަސާތައް ގުޅިގެން ބާއްވާ ޚާއްޞަ ޢާއިލީ ހަވީރެއް އޮންނާނެއެވެ. މި ހަވީރަކީ މުޅި ޢާއިލާއަށް ބައިވެރިވެވޭ ގޮތަށް، ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އުފާވެރި މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމަޢުގައި ދޮށީ ޢުމުރުގެ މީހުންގެ އަގުވަޒަންކޮށް، ޢާއިލީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ދެކެއެވެ.

https://wamco.com.mv/
tel:+9607331319