
އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ތެލުން ނަގާ ޓެކްސްތަކެއް ކަނޑާލައިފި

މުޙައްމަދު ފަޟްލޫން - 03 ޖުލައި 2026 - 08:33
އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުންދިޔަ ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް (އާރު.އައި.ސީ) އާއި ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ (އެސް.އޭ.އީ.ޑީ) ކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމައި، އެ ނިންމުމަށް އަމަލުކުރަން ފަށައިފިއެވެ.
މި ލުއިތައް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ އިތުރުން މޮރިޝަސްއަށެވެ.
މި ބަދަލާއެކު، އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުގެ އަގު މި ދެ ގައުމަށް ހެޔޮވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އިންޑިއާއިން ނޫން ކަމެވެ. ރާއްޖެއަށް ބޭނުންވާ ތެލުގެ ބޮޑު ބައެއް މިހާރު އިމްޕޯޓް ކުރަނީ އޮމާނުންނެވެ.
އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭރުކުރާ ތެލުން ނަގާ އާރު.އައި.ސީ ޓެކްސްއިން މިހާރު ރާއްޖެ ވަނީ އިސްތިސްނާކޮށްފައެވެ.
ވޭތުވެދިޔަ އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމުގެ ދަށުން، މި އިސްތިސްނާ ލިބޭ ގައުމުތަކުގެ ތެރޭގައި މޮރިޝަސް ވެސް ވަނީ ހިމަނާފައެވެ. މީގެ ކުރިން މިފަދަ ލުއިތަކެއް ދެމުން އައީ ހަމައެކަނި ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީލަންކާއަށެވެ.
މި ޓެކްސްތައް އުނިކުރުމުގެ ސަބަބުން، އިންޑިއާއިން ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި އުފުލަންޖެހޭ މާލީ ބުރަ ކުޑަވެ، ކުރިމަގުގައި އެ ގައުމުން ތެލުގެ ޝިޕްމަންޓްތައް އިތުރަށް ގެނައުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ.
ދެގައުމުގެ ރަސްމީ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި، މި ނިންމުމަށް އާދެވިފައިވަނީ ދެ ސަރުކާރުގެ ދެމެދުގައި ކުރެވުނު މުހިންމު މަޝްވަރާތަކަކަށް ފަހުގައެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާ ނާޒުކު ދަނޑިވަޅެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

މާފުށީގައި މާރަނގަ މާކެޓުގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި
26 މިނިޓު ކުރިން
.webp&w=3840&q=75)
ފައިނޭންޝަލް އެކްސްޕޯ: މިރެއާއި މާދަމާރޭ ހަވާ އަރުވާނީ
27 މިނިޓު ކުރިން

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ގަޑިއިރެއް ކުރިން

ފަވަރަ މެދުވެރިކޮށް މިހާތަނަށް 100 ބިލިޔަން ރުފިޔާގެ މުޢާމާލަތް ކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)