
ފިހާރައެއްގައި ވިއްކަންހުރި ކެރެޓް---
މާލޭގެ ބާޒާރުތަކުގައި ކެރެޓް ކިލޯއެއްގެ އަގު 120 ރުފިޔާގައި: ގިނަ ބައެއްގެ ކަންބޮޑުވުން!

ޖިނާން ޙުސައިން ޖަބީން - 21 ނޮވެމްބަރު 2026 - 11:42
މާލޭގެ ބާޒާރުތަކުގައި ކެރެޓްގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މާލޭގެ ފިހާރަތަކުގައި ކެރެޓް ކިލޯއެއްގެ އަގު އުފުލި، ބައެއް ފިހާރަތަކުގައި 90 ރުފިޔާއާއި 120 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވިއްކަމުންދާތީ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފައެވެ. މީގެއިތުރުން، ދިރިއުޅުމުގެ އަސާސީ އެހެނިހެން ކާބޯތަކެއްޗާއި މުހިންމު ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވެ، އެ ތަކެތީގެ އަގުތައް ވެސް އިންތިހާއަށް ބޮޑުވަމުންދާތީ، މީސްމީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ އެކަމުގެ ޝަކުވާއާއި ނުތަނަވަސްކަން ހާމަކުރަމުންނެވެ.
މިކަމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބުނަމުންދަނީ، ބާޒާރުގައި ތަކެތީގެ އަގު އުފުލެނީ ބައެއް ވިޔަފާރިވެރިން ހިތުހުރި އަގެއްގައި ތަކެތި ވިއްކަމުންދާތީ ކަމަށެވެ. އަދި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އަގުހެޔޮކޮށް ތަކެތި ލިބެން ހުންނާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްކޮޅަށް ހަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެސްޓީއޯއިން ކެރެޓް ކިލޯއެއް ވިއްކަމުންދަނީ 20 ރުފިޔާއަށެވެ.
އެހެންނަމަވެސް، އިކޮނޮމިކް މިނިސްޓްރީން ދާދި ދެންމެއަކު އާންމުކުރި ބާޒާރުގެ ރަސްމީ އަގުތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެސްޓީއޯ އިން މިވަގުތު ވެސް ކެރެޓް ކިލޯއެއް ވިއްކަމުން ދަނީ 40 ރުފިޔާގެ މަގުންނެވެ.
އަސާސީ ތަކެތީގެ އަގު ކޮންޓްރޯލް ނުވެ، ދުވަހެއް ދުވަހަކަށް ތަކެތީގެ އަގު އުފުލެމުންދާތީ، އާންމު ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމުގައި އިންތިހާއަށް ދަތިވަމުންދާ ކަމަށް ބުނެ، މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައްޔިތުން ދަނީ މެދުކެނޑުމެއް ނެތި ސަރުކާރަށް ގޮވާލަމުންނެވެ. މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި، އޭގެ ނާޖާއިޒު ފައިދާ ނެގުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.





