logo

ތިންވަނަ ކުއާޓަރގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 30 އޮކްޓޯބަރު 2026 - 11:40

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ، އެސްޓީއޯ އަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

https://wamco.com.mv/

އެސްޓީއޯ އިން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، މި ނިމުނު ތިންވަނަ ކުއާޓަރުގައި ލިބުނު 6.48 ބިލިއަން ރުފިޔާގެ އާމްދަނީއަކީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ތެޔޮ ވިއްކި އަގުތައް މި ކުއާޓަރުގައި ދަށްކުރުމެވެ.

ތެލުގެ އަގު ދަށްވި ނަމަވެސް، ވިއްކި ތެލުގެ މިންވަރު ކުރީ ކުއާޓަރަށްވުރެ ވަނީ އިތުރުވެފައެވެ.

މީގެއިތުރުން، އެސްޓީއޯގެ އެހެނިހެން ވިޔަފާރިތަކުގެ އާމްދަނީ ރަނގަޅުވެ، ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ މި ކުއާޓަރުގައި ވަނީ ލިބިފައެވެ.

ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 400 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބަކީ މެޑިކަލް ދާއިރާގެ މަސައްކަތްތައް އަލުން އެކުލަވައިލުމާއެކު ހަރަދުތައް ކުޑަކުރެވުމާއި، ކުންފުނީގެ އާއްމު ހަރަދުތައް ހިފެހެއްޓުމަށް އެޅި ފިޔަވަޅުތައް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް، އިދާރީ ހިންގުމުގެ ޚަރަދުތައް ކުޑަކުރެވިފައިވާތީ، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާގެ ގޮތުގައި ވަނީ 352 މިލިއަން ރުފިޔާ ރެކޯޑުކުރެވިފައެވެ.

މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 5 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކްސް އަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާއަކީ 281 މިލިއަން ރުފިޔާއެވެ.

ކުންފުނިތަކަށް މިލިއަނުން ފައިދާވި ނަމަވެސް ގައުމުގެ އިގްތިސާދީ ދުވެލި ކުރިއަރައިގެން ނުގޮސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހީނަރުވަމުންދާ ކަމީ މިއަދު ފެންނަން އޮތް ހަގީގަތެވެ.

ކުންފުނިތަކުގެ މާލީ ހިސާބުތަކުން ކުރިއެރުން ދެއްކި ނަމަވެސް ގައުމުގެ ޖުމްލަ އިގްތިސާދަށް އޭގެ ސީދާ މަންފާ ނުފޯރާތީ ގިނަބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެވެމުންނެވެ.

https://wamco.com.mv/
tel:+9607331319