
ކެތްތެރިކަން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 30 ޖުލައި 2025 - 03:27
الصبر (އައްޞަބްރު) ނުވަތަ ކެތްތެރިކަމޭ ބުނަނީ ހިފެހެއްޓުމުގެ ލަފުޒީ މާނައިގައެވެ. މިބަހުގެ މުރާދުގެ ތަފްޞީލަށް ޖެހިލާއިރު ކެތްތެރިކަމަކީ ރުޅިއިސްކުރުމުންނާއި، ފިނޑިކަމާއި ނުކުޅެދުންތެރިކަމާއި މިފަދަ އެންމެހާ ކަމަކުން ނަފްސު ހިފެހެއްޓުމެވެ.
މިލަފުޒުގެ މާނަ ކަމަށް ދިވެހިބަސް ފޮތުގައި ބުނެފައިވަނީވެސް ލިބޭ ވޭންތަކަށް ޝަކުވާނުކޮށް ހުރުމެވެ. އަދި ހިތުގައި އުފެދޭ އަސަރުތައް މަތަކޮށްގެން ހުންނަ ހުރުމެވެ.
ޝަރުޢީ އިސްޠިލާހުގައި، ކެތްތެރިކަމަކީ، ﷲ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމާއި، ﷲ ވާޖިބު ކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުމާއި، އަދި އެއިލާހުގެ މިންވަރުފުޅާއި މެދު ރުހިގެންހުރުމެވެ. ހަމަ އެފަދައިން އެއީ “މުޞީބާތްތަށް މެދުވެރިވުމުން، ﷲ ފިޔަވާ އެހެންފަރާތްތަކަށް އެކަމުގެ ޝަކުވާ ނުދެންނެވުން” ކަމުގައިވެސް ޢިލްމުވެރިން މާނަކުރައްވައެވެ.
އަހަރެމެންނަކީ މުސްލިމުންކަމުގައި ވިއަތީ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެބަ އޮތެވެ. އެއީ މި ޙަޔާތަކީ އިމްތިޙާނުގެ ގޮވެއްޗެއް ކަމެވެ. މި ޙަޔާތުގައި އިމްތިޙާނުތަކާއި ކުރިމަތިވާނެއެވެ. އެހެންކަމުން، އެ އިމްތިޙާނުތަކުން ފާސްވުމަށްޓަކައި ކެތްތެރިވާންޖެހެއެވެ.
މުލްކު ސޫރަތުގައި މާތްﷲ ވަހީކުރެއްވިއެވެ.
(الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ)
މާނައީ: “އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި އިލާހެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.”
އަދިވެސް މާތް ﷲ ވަޙީކުރެއްވިއެވެ.
(وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ)
މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން جهاد ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبرތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. “
ޢިލްމުވެރިން ކެތްތެރިކަން ތިން ބަޔަކަށް ބައްސަވާފައިވެއެވެ. އެއީ، ﷲ ގެ ޢަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ކެތްތެރިވުމާއި، އެއީލާހު ނަހީކުރެއްވި ކަންކަމުން ދުރުހެލިވެ ހުރުމަށް ކެތްތެރިވުމާއި، ދިމާވާ މުޞީބާތްތަކަށް ކެތްތެރިވުމެވެ.
ﷲ ތަޢާލާ، އިންސާނުން އުފައްދަވާފައިވަނީ އެއިލާހަށް އަޅުކަންކުރުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
(وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ)[
މާނައީ: “ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.”
އެހެންކަމުން، މި މަޤްޞަދު ހާޞިލްކުރުމަށްޓަކައި، ﷲ އަމުރުފުޅުތަކަށް ކިޔަމަންގަންނަން ޖެހެއެވެ.
ﷲ ގެ ޝަރީއަތުގައި ވަނީ ހަމައެކަނި އަމުރުފުޅުތަކެއް ނޫނެވެ. އެއާއެކު ކަންތައްތަކެއް ނަހީކުރައްވާ ޙަރާމްކުރައްވާފައިވެސް ވެއެވެ. އެހެންކަމުން ކެތްތެރިކަމުގެ ދެވަނަ ވައްތަރަކީ، ﷲ ނަހީކުރެއްވި ކަންކަމުން ދުރުހެލިވެ ހުރުމެވެ.
ނާޒިޢާތު ސޫރަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ.
(وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ () فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ)
މާނައީ: “އަދި އެމީހާގެ ރައްބުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! (40) ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.”
މުޞީބާތްތަކަށް ކެތްތެރިވުމަކީ، ޙާޔާތުގައި ދިމާވާ އެކި އެކި ހިތާމަތަކާއި، އިމްތިޙާނުތަކުގައި، ﷲ ގެ މިންވަރުފުޅަށް ރުހި ޤަބޫލުވުމެވެ. އަދި އެކަންމެދުވެރިވީ ﷲ ގެ މިންވަރުފުޅާއި، އެއީލާހު އިޛްނަޔާއި ލައިގެންކަން ޤަބޫލުކުރާ ޙާލު، މީސްތަކުންގެ ގާތުގައި އެކަންކަމުގެ ޝަކުވާކޮށް ހެދުން ދޫކޮށްލުމެވެ.
މިދުނިޔެމަތީގައި އުޅޭއިރު މުޞީބާތްތަކާއި އިމްތިހާންތައް ކުރިމަތިވާނޭކަން މާތްﷲ ވަނީ ބަޔާންކުރައްވާފައިއެވެ. އެއީލާހު ވަޙީކުރެއްވިއެވެ.
(وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ)[10]
މާނައީ: “ހަމަކަށަވަރުން، ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވައިގެންނާއި އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވައިގެން، ތިމަންއިލާހު ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!”
ކެތްތެރިވުމަކީ މާތްމީހުންގެ ސިފައެކެވެ.
ކެތްތެރި އަޅުންނަށް ﷲ ތަޢުރީފްގެ ބަސްފުޅު ވަޙީކުރައްވާފައިވެއެވެ.
(إِنَّا وَجَدْنَاهُ صَابِرًا ۚ نِّعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ)
މާނައީ: “ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންއިލާހު ދެކެވޮޑިގެންވީމެވެ. އެއީ ހާދަހާ ރަނގަޅު އަޅެކެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.”
ކެތްތެރިންނަށް ހިސާބެއް ނެތްގޮތުގައި ޘަވާބާއި ދަރުމަ ދެއްވާނެކަން ބަޔާންކުރައްވައި މާތް ﷲ، ވަޙީކުރައްވާފައިވެއެވެ.
(إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ)
މާނައީ: “ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. “
ކެތްތެރިންގެ ޖަޒާއަކީ ސުވަރުގެކަމުގައި ވެސް މާތް ﷲ، ވަޙީކުރައްވާފައިވެއެވެ.
(وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا)
މާނައީ: ” އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ.”
ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވައެވެ،
މާތް ﷲ، ވަޙީކުރައްވާފައިވެއެވެ.
(وَاللَّهُ يُحِبُّ الصَّابِرِينَ)
މާނައީ: “އަދި ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.”
ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ. މިހަގީގަތް ބަޔާންކުރައްވައި މާތް ﷲ، ވަޙީކުރައްވާފައިވެއެވެ.
(إِنَّ اللَّهَ مَعَ الصَّابِرِينَ)
މާނައީ: ” ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.” އެބަހީ: އެއިލާހުގެ މަދަދާއި ނަޞްރު އެމީހުނާއެކު ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން