logo

އެމެރިކާގެ ތާރީޚްގައިވެސް އެންމެ ގެއްލުންބޮޑު އަލިފާނުގެ ހާދިސާ: ގެއްލުމުގެ އަގު 50 ބިލިއަން ޑޮލަރުން މައްޗަށް

profile

ސައިފް އަޒުހަރު - 09 ޖެނުއަރީ 2025 - 19:05

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލިސްގައި ރޯވެ އަނދަމުންދާ އަލިފާނަކީ، މުޅި އެމެރިކާގެ ތާރީޚްގައިވެސް މިހާތަނަށް އެންމެ ގެއްލުންބޮޑު އަލިފާނުގެ ހާދިސާއަށް ވާނޭކަމަށް ތަޖުރިބާކާރުން ލަފާކުރަން ފަށައިފިއެވެ.

https://wamco.com.mv/

ޖޭޕީ މޯގަންއިން ބުނެފައިވަނީ، ލޮސް އެންޖެލިސް ސަރަހައްދުގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން އިގްތިސާދީގޮތުން ލިބޭ ގެއްލުމުގެ އަގު 50 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ.

މިއީ، އެކިއެކި ފަރާތްތަކުން ކުރިން ލަފާކުރި އަދަދަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ.

ލޮސް އެންޖެލިސްއާއި، ވަށައިގެންވާ ސަރަހައްދުތަކުގައި ރޯވެ އަނދަމުންދާ ބޮޑު 3 އަލިފާންގަނޑުގެ ސަބަބުން ގާތްގަނޑަށް 10،000 އޭކަރުގެ ބިންތައް، މިހާތަނަށް އަނދާފައި ވެއެވެ.

އަދި 2،000 އަށްވުރެ ގިނަ ގެއާއި އިމާރާތްތައް އަނދައި އަޅިއަށް ވެގެން ގޮސްފައިވާއިރު، އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް މަރުކަން ކަށަވަރު ވެފައިވަނީ 5 މީހުންނެވެ. އެހެން ނަމަވެސް، ލޮސް އެންޖެލިސް ޝެރިފްސް ޑިމާޓްމަންޓުން ބުނެފައިވަނީ، ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުގައި މަރުވާ މީހުންގެ އަދަދުތައް އިތުރުވާނޭ ކަމަށެވެ.

ބައެއް ސަރަހައްދުތަކުގެ ވައި މަޑުވެ ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތް ވަރުގަދަ ކުރަމުންދާއިރު، ކެލިފޯނިއާ ސްޓޭޓްގެ ގަވަރްނަރު ގަވިން ނިއުސަމް ވިދާޅުވީ، ހަރސްޓް އަލިފާންގަނޑުން 10 އިންސައްތަ، ލިޑިއާ އަލިފާންގަނޑުން 40 އިންސައްތަ އަދި ސަންސެޓް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ބައެއް ސަރަހައްދުތަކުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވެމުންދިޔަ ނަމަވެސް، ބައެއް ހިސާބުތަކުގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. މިކަމާހެދި، އިތުރު 180،000 މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ފަޔަރ ޑިޕާޓްމަންޓުގެ ވެރިޔާ ގެންދަވަނީ އަންގަވަމުންނެވެ.

އަލިފާނުގެ ސަބަބުން ކަރަންޓު ކެނޑި، ކެލިފޯނިއާގެ 420،000 މީހުން މިހާރު ތިބީ ކަރަންޓެއް، ފެނެއް ނެތިއެވެ.

އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަޔަރ ފައިޓަރުން ކުރަމުންގެންދާއިރު، އެމެރިކާގެ އަވަށްޓެރި ބައެއް ގައުމުތަކުގެ މަތިންދާ ބޯޓުތައްވެސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވަމުން އެބަދެއެވެ.

އަލިފާން ރޯވެ އަނދައި، ލޮސް އެންޖެލިސްއާއި، ކެލިފޯނިއާގެ އެހެން ހިސާބުތަކަށް ގެއްލުންތައް ލިބެމުންދާއިރު، ސިޔާސީ އަރާރުންތައްވެސް ވަނީ ފެށިފައެވެ.

މިކަމުގެ ތެރޭގައި، އެމެރިކާގެ ރައީސްކަމާ މިމަހު 20 ގައި ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕްވަނީ، ކެލިފޯނިއާ ސްޓޭޓްގެ ގަވަރނަރު ގަވިން ނިއުސަމްއާއި، ލޮސް އެންޖެލިސްގެ މޭޔަރު ކާރަން ބޭސްއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ގަވިންއަކީ ނާގާބިލް ބޭފުޅެއް ކަމަށާއި، މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ޓްރަމްޕް ގޮވާލައްފައި ވެއެވެ.

ބައެއް ފަރާތްތަކުން ގެންދަނީ ލޮސް އެންޖެލިސްގެ މޭޔަރު ކާރަން ބޭސްގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ.

ޓްރަމްޕަށް ރައްދު ދެއްވައި ގަވަރްނަރ ގަވިން ވިދާޅުވެފައިވަނީ މިފަދަ ހައްސާސް ވަގުތުގައި "ޓްރަމްޕް ތަޅާ ބޭކާރު އަނގަތަކަށް" ރައްދު ދެއްވަން ބޭނުން ނުވާ ކަމަށާއި، އެކަމަށް ވަގުތު ނެތް ކަމަށެވެ.

https://wamco.com.mv/
tel:+9607331319