logo

މަރުވި މީހުންގެ އަދަދު 16 އަށް، އިތުރު ސަރަހައްދުތަކުގައި ރޯވެއްޖެ، އިގްތިސާދީ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ

profile

ސައިފް އަޒުހަރު - 12 ޖެނުއަރީ 2025 - 09:22

https://wamco.com.mv/

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލިސް ސިޓީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ހައްތަހާ ފުޅާވަމުންދާއިރު، އަލިފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.

މީހުން މަރުވެފައިވަނީ އީޓަން ފަޔަރ އަދި ޕަލިސޭޑްސް ފަޔަރ ސަރަހައްދުތަކުންނެވެ.

މި އަލިފާނުގައި މިހާތަނަށް 38،000 އޭކަރުގެ ސަރަހައްދުތައް އަނދައި އަޅިއަށްވެފައިވާއިރު، މިއީ، ނިއުޔޯކްގެ މެންހަޓަންއަށްވުރެ 2.5 ގުނަ ބޮޑު ސަރަހައްދެކެވެ.

އަލިފާނުގެ ސަބަބުން މިހާތަނަށް 12،000 އަށްވުރެ ގިނަ ގެދޮރު އަނދައި އަޅިއަށް ވެފައިވާއިރު، އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިންނާއި، އެމެރިކާގެ މަހުޖަނުންގެ އަގުބޮޑެތި ގެދޮރުތައްވެސް ހިމެނެއެވެ.

އިތުރު އެހެން ސަރަހައްދުތަކުގައިވެސް އަލިފާން ރޯވެ އަނދަން ފަށާފައިވާ ކަމަށް، އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަލަށް ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިއްޖެނަމަ އިތުރު 57،000 ގެދޮރު އަނދައި، އެތައް ލައްކަ މީހުން ހާލުގައި ޖެހޭނެއެވެ.

ކެލިފޯނިއާގެ ދެކުނަށް މިހާރު އަރާފައިވާ ބާރުގަދަ ވައިގެ ތޫފާނުގެ ސަބަބުން ޖެހެމުންދާ ބާރު ވަޔާއެކު އަލިފާން ދަނީ އިތުރަށް ފުޅާވަމުންނެވެ. އަލިފާން ނިއްވުމުގެ މަސައްކަތަށްވެސް މިކަމުން ހުރަސްތައް ކުރިމަތިވަމުން ދެއެވެ.

މޫސުން ގޯސް ދުވަސްވަރު، ތޫފާންތަކުގެ ތެރޭގައި ގަދަވަޔާއި ވާރޭ އެކުވުމުން ނަގޫރޯޅި އުފެދޭއިރު، ލޮސް އެންޖެލިސްގައި ރޯވެ އަނދަމުންދާ އެއް ސަރަހައްދު ކަމަށްވާ ޕެސިފިކް ޕަލިސޭޑްސް ސަރަހައްދުތަކުގައި އަލިފާނުގެ ނަގޫރޯޅިވެސް އުފެދެމުން އެބަދެއެވެ. އޭގެ މަންޒަރުތައް ނަގައި މީޑިއާއިން ގެންދަނީ ދައުރުކުރަމުންނެވެ.

މިގޮތަށް އަލިފާނުގެ ނަގޫރޯޅި އުފެދޭނީ އަލިފާނާއި ވައި އެކުވުމުންނެވެ. މިއީ ވަރަށް ނާދިރު ހާލަތެއްގައި މެނުވީ މެދުވެރިވާ ކަމެއް ނޫންކަމަށް ތާރީޚީ އިލްމުވެރިން ބުނެއެވެ. އެންމެ ނުރައްކާ ކަމަކީ، މިފަދަ އަލިފާންނަގޫރޯޅި ފުޅާވުމެވެ.

ލޮސް އެންޖެލިސް އަލިފާނުގެ ސަބަބުން މިހާތަނަށް ލިބުނު އިގްތިސާދީ ގެއްލުމުގެ އަގު 150 ބިލިއަން އެމެރިކާ ޑޮލަށް އަރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާކޮށްފައި ވާއިރު، އަލިފާންގަނޑުތައް ކޮންޓްރޯލް ވާއިރު ލިބޭނެ ގެއްލުންތައް އަދި އަންދާޒާ ކޮށްލަންވެސް ވަނީ ނޭނގިފައެވެ.

އިގްތިސާދީ މާހިރުން ވިދާޅުވަނީ، ލޮސް އެންޖެލިސް އަލިފާނުގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރު، އެތައް އަހަރެއް ވަންދެން އެމެރިކާ ތަހައްމަލްކުރަން ޖެހޭނޭ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay