logo

ދިވެހީން ދެއްކި އެއްބައިވަންތަކަމުން އާރާސްތުކުރި ދިވެހިރާއްޖެ!

profile

ޒިދާން މުޙައްމަދު - 26 ޑިސެމްބަރު 2024 - 05:56

"ދިވެހީންގެ އެއްބައިވަންތަކަން، ދިވެހީންގެ ގައުމީ ރީތިނަން
https://wamco.com.mv/
ދިވެހީންގެ ހުރި އަޚްވަންތަކަށް، މުޅި ދުނިޔެއަށް ދައްކައިފިޔޭ

ޝައްކެތްވެސް ނެތެވެ. ރާއްޖޭގެ ތާރީޚު ދުށް އެންމެ ބިރުވެރި ނާމާން ދުވަހެވެ. މި ގައުމު ދުށް އެންމެ ބޮޑު އެއް ގުދުރަތީ ކާރިސާ ހިނގި ދުވަހެވެ. ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހުނު، ވޭނީ ދުވަހެކެވެ. އާދެ، މީގެ 20 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހެވެ. ރާއްޖެ ސިއްސުވާލު "ބޮޑުރާޅު އެރި ދުވަހެވެ." ނޫނީ ސުނާމީ ކާރީސާއާ މިގައުމު ކުރިމަތިލި ނާމާން ދުވަހެވެ.

ސުނާމީ ކާރިސާއަކީ އެންމެންގެ ލޮލުން ކަރުނަ ހިލުވާލި ބިރުވެރި ހިތާމަވެރި ހާދިސާއެކެވެ. އެތަކެއް ދިވެހިންނެއް މިދުނިޔެ ދޫކޮށް އެތައް އަނިޔާތަކެއް ލިބި އެތައް ދިވެހިންގެ ގެދޮރާއި މުދާ ގެއްލިގެންދިޔަ ދުވަހެވެ. ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީ އެތައް އަހަރެއް ފަހަތަށް ސޮއްސާލި ގެންލުންބޮޑު ކާރިސާއެކެވެ.

ސުނާމީގެ ސަބަބުން ދިވެހި އެތައް ފުރާނައެއް ގެއްލި، އެތައްބަޔަކު ގެއްލި، ރަށްތަކާއި، މީސްމީހުންގެ ގެދޮރަށާއި، ތަންތަނަށް ލިބުނު ބޮޑެތި ގެއްލުމުގެ ޖުމްލަ އަދަދު 470 މިލިއަން އެމެރިކާ ޑޮލަރަށް އެރިއެވެ. އެއީ އޭރު ރާއްޖޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ގެ 62 އިންސައްތައެވެ.

undefinedސުނާމީގެ ހަނދާންތައް

ސުނާމީ ކާރިސާއަކީ އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެއް ނުވަތަ ރާޅުތަކެއްގެ ސަބަބުން ކުރިމަތި ކާރިސާއެކެވެ. ރެކްޓަރމިންގަނޑުން 9.1 އާއ 9.3 މެގްނެޓިއުޑް ބާރުމިނުގައި އަށް މިނެޓާ 10 މިނެޓުގެ ދިގު މިނަށް މި ބިންހެލުން ދެމިގެން ދިޔައެވެ. ރާއްޖެއަށް ވެސް މި ބިންހެލުން އިހްސާސްކުރެވުނެވެ. އެއީ ރާއްޖޭގެ ގަޑިން އެދުވަހުގެ ފަތިހު 5:58 ހާއިރުއެވެ. ނަމަވެސް އެދުވަހުގެ 9:20 ހާއިރު ސުނާމީ އެރުމާހަމައަށް ދިވެހިން އުޅެމުން ދިޔައީ އެހެންދުވަސް ދުވަހެކޭ އެއްފަދައިން ދިރިއުޅުމުގެ އެކިކަންކަމުގައި މަޝްޣޫލުވެގެންނެވެ.

ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން މިދަނީ، އެ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އަޚްވަންތަކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށްޓަކައެވެ. ސުނާމީ ކާރިސާގައި އަހަރެމެންގެ ތެރެއިން މިދުނިޔެ ދޫކުރި އުޚްތުންނަށާއި އަޚުންގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ސުނާމީ ކާރިސާގެ ހިތި ހަނދާންތައް މިއަދުވެސް ސިފަވެގެން މިދަނީ ހިތާމައިގެ އަސަރުގަދަ ޝުޢޫރުތަކާ އެކުގައެވެ.

އެދުވަހު އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ކޮންމެ ދިވެއްސަކުމެ އިސްކަންދިނީ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށެވެ. އެފަދަ ހިތްދަތި އަދި ޚުޠޫރަތްތެރި ދަނޑިވަޅުގައިވެސް އަމިއްލަ ނަފްސުގެ މައްޗަށް ތިމާގެ ޤައުމާއި މުޖްތަމަޢުގެ ސަލާމަތްތެރިކަން އިސްކުރި ކުރުމަކީ، ސުނާމީ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ މުހިންމު ފިލާވަޅެވެ. އަދި އެއީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ މުހިންމު ޝިޢާރެވެ. އެހެންކަމުން، އެދުވަހު ދިވެހި ރައްޔިތުން ދައްކަވައިދެއްވި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން، އަހަރެމެން އެންމެންގެ ހިތަށް ގެނެސް، އެ ހާދިސާއިން މިއަދުވެސް ޢިބުރަތް ހާސިލުކުރަންޖެހެއެވެ.

undefinedސުނާމީގެ ހަނދާންތައް

ސުނާމީ ކާރީސާއިން ރާއްޖޭގައި މީހުން ދިރިއުޅޭ 200 ރަށުގެ ތެރެއިން 39 ރަށެއް މުޅިންހެން ހަލާކުވެގެން ދިޔައެވެ. އެއީ ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައެވެ.މުޅި ދުނިޔެއިން ގާތްގަނޑަކަށް 230،000 މީހުން މަރުވެ ދިޔަ މި ހާދިސާގައި ރާއްޖެއިން ޖުމްލަ 82 މީހުން މަރުވެ ސާޅީސް މީހުންނަށް ވީނުވީއެއް ނޭނގި ގެއްލުނު މި ކާރިސާގައި ރާއްޖެއަށް ލިބުނު ގެއްލުން ބޮޑެވެ. ގައުމު އޮތީ އަލުން އާރާސްތުކުރަންޖެހޭ ހާލަތުގައެވެ. ޔޫއެންޑީޕީން 2004ގެ ސުނާމީ ކާރިސާއާ ގުޅޭ އެކި ރިޕޯޓްތަކުގައި ރާއްޖެއަށް ލިބުނު ގެއްލުން ސިފަކޮށްފައިވަނީ "އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންގެ ދިރިއުޅުން ކަނޑުވި" ހާދިސާއެއްގެ ގޮތުގައެވެ. ޔޫއެސް އެއިޑުން ސުނާމީ ކާރިސާ ދިރާސާކޮށް ބުނެފައިވަނީ، ރާއްޖޭގެ ބައެއް ރަށްތައް ފެންމަތީގައި އެހުރީ "ގުދުރަތީ އަޖައިބަކުންނެވެ."

ބޯނެ ފެނެއް، ކާނެ އެއްޗެއް އުނު އަންނައުނެއް ނެތެވެ. އެއްފަހަރާ ގިނަ ރަށްތަކަކަށް މި ލިބުނު ކުއްލި ގެއްލުންތައް ފޫބެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރަށް އެންމެ ބޮޑު ދަތިކަމަކަށްވީ މުވާސަލާތީ ޚިދުމަތް މެދުކެނޑިގެން ގޮސްފައިވުމުން، އެންމެ އަވަހަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންވީ ކޮން އަތޮޅެއްގެ ކޮން ރަށެއްގެ ކޮން ބަޔަކަށްކަން ސާފުކުރުމުގައި ވަގުތު ނެގުމެވެ. އަދި މިފަދަ ބޮޑު ކާރިސާއަކަށް އޭރު ތައްޔާރުވެފައި ނެތުމުން، ކަންކަން އަލުންބަލުން ތަރުތީބުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އަސާސީ އެހީތެރިކަން ފޯރުކޮށްދޭން ފެށުނީ 24 ގަޑިއިރެއްހާ ފަހުންނެވެ.

undefinedސުނާމީގެ ހަނދާންތައް

ސުނާމީގައި ކާރިސާގައި ރާއްޖޭގެ ދެރަށެއް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައެވެ. އެއީ ރ. އަތޮޅު ކަނދޮޅުދޫއާއި ތ. އަތޮޅު ވިލުފުށްޓެވެ. ވިލުފުށީގައި އަލުން އަލުން މީހުން އާބާދުކޮށްފައިވަނީ އެރަށުގެ ފަޅު ހިއްކައި ކުރިން އޮތް ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ރަށެއްގެ ގޮތުގައެވެ. ވިލުފުށި އަލުން އާބާދުވުމާ ހަމައަށް ގިނަ މީހުން އުޅުނީ ބުރުނީގައި ހެދި ވަގުތީ ހިޔާތަކުގައެވެ. ބައެއް މީހުން މާލެއަށްވެސް ބަދަލު ވިއެވެ. އަދި ކައިރި އެހެން ރަށްރަށުގައިވެސް އުޅުނެވެ. ކަނދޮޅުދޫ މީހުން އަލުން އާބާދުކޮށްފައިވަނީ އެއަތޮޅު ދުވާފަރުގައެވެ.

ގައުމެއް ބިނާ ކޮށްލަން ކުރަން, މަޖުބޫރު ހިދުމަތްތައް ކުރަން.
ގައުމީ ނަވަށް ދަތުރަށް އަރަން, ކެރިގެން ތިބީ އެންމެން ފަށަން.
ގައުމަށްޓަކައި ހޭހަންކުރަން, ހުރިހާ އުފާތައް ދޫކުރަން.
ގައުމުގެ ދަރިން ތައްޔާރުކަން, މުޅި ދުނިޔެއަށް ދައްކައިފިއޭ.
އެކުވެރިކަމާއި ހިތްހެޔޮކަމާއި އެކުގައި އެހީތައް ދޭކަމާ.
އެކަކަށްޓަކައި އަނެއްކަކު ކަމާ, ވަކިވަކިވުމެއް ނެތި ތިބިކަމާ.
ދެކެފަރިތަ ރައްޓެހި މީސްކަމާ, ވަކިވަކި ޝުއޫރެއް ނެތްކަމާ.
މުޅި ދުނިޔެއަށް ދައްކައިފިއޭ.

ދިވެހިރާއްޖޭގެ މިއަދު މިދެކޭ ތަރައްޤީގެ އަސްލަކީ އެ ދުވަހު ދިވެހީން ދިވެހިރާއްޖޭ އަލުން އާރާސްތުކުރުމަށް ނަވަށް އަރައި ފެށި ދަތުރެވެ. ގައުމެއް ބިނާކުރުމަށް ދިވެހީން ދެއްކި ހިތްވަރާއި ފަންވަރުގެ ފޮނިމީރުކަމެވެ. އަދި ހަމައެހެންމެ، އަވަށްޓެރި ދިވެހީންނާ ގާތް ގައުމުތަކުން ދިއްކޮށްލި އެހީގެ ދީލަތި އަތްތަކެވެ.

މާތްﷲ، އެކިއެކި ނުރައްކާތެރި ކާރިސާތަކުން ރާއްޖެއާއި ދިވެހީން ރައްކާތެރި ކުރައްވާށިއެވެ! އަދި އަހަރެމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ޚިޔާލުތަފާތުވާ ކަންކަމުގައިވެސް ޤައުމުގެ މަޞްލަޙަތު ކުރިއަށް ނެރުމުގެ ހިތްވަރު ދެއްވާށިއެވެ! އާމީން.

https://etukuri.mv/
https://eportal.mwsc.com.mv/e-pay