logo

ފަހުމީ ވިދާޅުވަނީ ސްޓެލްކޯއިން މަސައްކަތްކުރަނީ ފެހި މާދަމާއަކަށް ކަމަށް!

profile

ޒިދާން މުޙައްމަދު - 31 އޯގަސްޓު 2024 - 12:29

ކަރަންޓު ކުންފުނި - ސްޓެލްކޯއިން މަސައްކަތްކުރަނީ "ފެހި މާދަމާއަކަށް" ވާސިލުވުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުޞައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިފަދައިން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ ފަސްމިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއަށް ތަރުހީބު ދިނުމުގެ ގޮތުން ސްޓެލްކޯއިން ފަށާފައިވާ ފަސްލައްކަ ގަސް އިންދުމުގެ ހަރަކާތާ ގުޅޭ ގޮތުން ކުރެއްވި ޕޯސްޓެއްގައެވެ.

މިހަރަކާތް ހިންގުމުގައި ސްޓެލްކޯއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ތަރުތީބުން ފުރިހަމަކުރަމުންދާކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، ކޮންމެ މަހަކުވެސް ގަސް އިންދުމުގެ މި ހަރަކާތުގެ ބައެއް ކުރިއަށްގެންދާނެ ކަމަށެވެ.

އަދި ސްޓެލްކޯގެ މިމަސައްކަތަކީ ތިމާވެށި ހިމާޔަތްކުރުމަށާއި ފެހި މާދަމާއަކަށް ވާސިލުވުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ ފަސްލައްކަ ގަސް އިންދުމުގެ ހަރަކާތުގައި އެންމެ ފަހުން އިންދާފައިވަނީ 8364 ގަސްއެވެ. އޭގެ ކުރިން، 12 ޖޫން 2024ގައި 22700 ގަސް އިންދާފައިވެއެވެ. މިގަސްތައް އިންދާފައިވަނީ މިމަޝްރޫއު އިފްތިތާހުކުރި ކ. ތުލުސްދޫއާއި ސްޓެލްކޯއިން ޚިދުމަތްދޭ އެހެން ރަށްރަށުގައެވެ.

ދިއްފުށީ އިންޖީނުގޭ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށާއި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި 1،000 ގަސް އިންދާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން މިހާތަނަށް 4 ލައްކަ ގަސް އިންދިފައިވާކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ދާދި ފަހުން ވަނީ ފުވައްމުލަކު ސިޓީގައި ވެސް މި ޕްރޮގްރާމް ފުޅާ ގޮތެއްގައި ރަސްމީކޮށް ފަށާފައެވެ.

މި ޕްރޮގްރާމަކީ ރައީސް މުއިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދިމުގެ މަޝްރޫއަށް އެހީތެރިވެ ދިނުމަށް ޕާކިސްތާނުންވެސް ވަނީ ނިންމާފައެވެ.



tel:+9607331319