logo

5 މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓް: ސްޓެލްކޯއިން މިހާތަނަށް 30،371 ގަސް އިންދައިފި

profile

އައިޝަތު އިނާޝާ - 29 އޯގަސްޓު 2024 - 14:51

ސްޓެލްކޯއިިން 5 ލައްކަ ގަަސް އިންދުމުގެ މަޝްރޫޢު އިފްތިތާޙު ކުރުން

ސްޓެލްކޯއިިން 5 ލައްކަ ގަަސް އިންދުމުގެ މަޝްރޫޢު އިފްތިތާޙު ކުރުން

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 30،371 ގަސް އިންދައިފިއެވެ.

ސްޓެލްކޯ އިން ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 500،000 (ފަސްލައްކަ) ގަސް އިންދުމަށް ނިންމާފައެވެ.

އެ ކުންފުނިން އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުގައި މިހާތަނަށް އެ ކުންފުނިން ވަނީ 30،371 ގަސް އިންދައިފަ އެވެ. އެ ގޮތުން ކ. ތުލުސްދޫ އާއި އެ ކުންފުނިން ހިދުމަތްދޭ އެހެން ރަށްރަށުގައި 21،007 ގަސް އިންދިފައިވެއެވެ. ކ. ދިއްފުށީ އިންޖީނުގޭ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށާއި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި 1،000 ގަސް އިންދާފައިވެއެވެ. މީގެ އިތުރުން އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން 8،364 ގަސް އިންދާފައިވާ ކަމަށް އެކުންފުނިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަސް ލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލުވުމަށް ކުރިއަށް އޮތް ތާންގައި ކޮންމެ މަހަކު ވެސް އެކުންފުނިން ހިދުމަތް ދޭ ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން މިހާތަނަށް 4 ލައްކަ ގަސް އިންދިފައިވާކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ދާދި ފަހުން ވަނީ ފުވައްމުލަކު ސިޓީގައި ވެސް މި ޕްރޮގްރާމް ފުޅާ ގޮތެއްގައި ރަސްމީކޮށް ފަށާފައެވެ.


tel:+9607331319