logo

ބޭނުން ނުކުރާ ކަރަންޓަށް ބިލު ނުކުރާނެ: ސްޓެލްކޯ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 14 ސެޕްޓެމްބަރު 2024 - 22:14

ސްޓެލްކޯ އިދާރާ

ސްޓެލްކޯ އިދާރާ

ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް، ބޭނުން ނުކުރާ ކަރަންޓަށް ބިލު ނުކުރާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދީފި އެވެ.

ސްޓެލްކޯގެ ހިދުމަތްތަކަށް ފާޑުކިއުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި، އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުވައްޒަފުން ކުރަމުންދާ އިހުލާސްތެރި މަސައްކަތް ކަމަށެވެ. 24 ގަޑިއިރު މެދު ނުކެނޑި ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދަނީ އިހުލާސްތެރި މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެގޮތުން، ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގައި ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް ކަމަށެވެ.

" އަދި ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރު ނައްސި ވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ރައްޔިތުން މިކުންފުންޏަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވަން." ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ކުންފުނީގެ މުވައްޒަފުންނަކީ ވެސް ކަސްޓަމަރުންނާ އެއް އުސޫލެއްގެ ދަށުން ރީޑިން ނަގައި، އެ ރީޑިން އަށް ބިލް ކުރެވޭ ބައެއްކަން ސްޓެލްކޯ އިން ފާހަގަކޮށްފައިވެ އެވެ. އަދި ރީޑިން ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެ ކަމުގެ ޔަގީން ކަން އެ ކުންފުނިން ދީފައިވެ އެވެ. އަދި އެ ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބަލަން ކަމާ ބެހޭ މުއައްސަސާތަކަށް ވެސް ސްޓެލްކޯ އިން ވަނީ ގޮވާލާފަ އެވެ.

tel:+9607331319