logo

އެމްއެންޑީއެފްގެ އެއްވެސް ބިމެއް އުންޏެއް ނުވޭ: ވަޒީރު ޣައްސާން

profile

އާމިނަތު ޝަފާ - 24 އޯގަސްޓު 2024 - 13:50

ޑިފެންސް މިނިސްޓަރ ޣައްސާން މަޢުމޫން

ޑިފެންސް މިނިސްޓަރ ޣައްސާން މަޢުމޫން

ގައުމީ ދިފާއި ބާރު(އެމްއެންޑީއެފް)ގެ އެއްވެސް ބިމެއް އުނި ނުވާކަމަށް ވިދާޅުވެ މިހާރުގެ ދިފާއި ވަޒީރު މުހައްމަދު ޣައްސާން މައުމޫނު އެމްޑީޕީ ސަރުކާރުގެ ދިފާއީ ވަޒީރު މާރިޔާ ދީދީއަށް ރައްދު ދެއްވައިފިއެވެ.

މިފްކޯގެ ބެލުމުގެ ދަށުގައިއޮތް ރަށެއް ކަމުގައިވާ ކ.ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ކެބިނެޓުގެ މަޝްވަރާއިން ރައީސުލްޖުމްހޫރިޔާ ނިންމެވުމާގުޅިގެން އެރަށުގައި އެކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް ހުޅުމާލޭގައި ކުރުމަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނުމާ ގުޅިގެން މާރިޔާވަނީ ކަނޑުއޮތްގިރި ސިފައިންނަށް ދިނީ ކުރީ ސަރުކާރުން ސިފައިންނަށް ހުޅުމާލެއިން ދިން 120،000 އަކަ ފޫޓުގެ ބިން މިފްކޯއަަށް ދީފައިތޯ ސުވާލުކުރައްވާފައެވެ.

އެއާއެކު ދިފާއީ ވަޒީރު ޣައްސާން ވިދާޅުވީ އެމްއެންޑީއެފްގެ އެއްވެސް ބިމެއް އުނިނުވާކަމަށާއި ކަނޑުއޮތްގިރިއަކީ ސިފައިންގެ ހިދުމަތަށް އިތުރުކުރެވުނު ރަށެއްކަމަށެވެ. ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކަމަށް ބުދަ ދުވަހު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެފައިވެއެވެ. މިމަހުގެ 4 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައިވެސް ނިންމެވީ، ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންދިޔަ މަސައްކަތާއި އެކަށީގެންވާ ބިމެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައެޅުމަށެވެ.

އެ ނިންމެވުމާއި އެއްގޮތަށް ހުޅުމާލެއިން ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް މިމަހުގެ 7 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ މިފްކޯގެ އިތުރުން އެޗްޑީސީއަށްވެސް އަންގަވާފައެވެ. އަދި މިފްކޯއިން މިހާރު ދަނީ، އެކަމަށް އެކަށީގެންވާ ވަރުގެ ބިމެއް ހޯދުމާއި ގުޅޭގޮތުން އެޗްޑީސީއާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

މިކަމާ ގުޅިގެން މިފްކޯއިން ބުނީ އެކުންފުނިން އެޗްޑީސީއާއެކު ބިމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ. އަދި ކުންފުނިން ބިން ބޭނުންވަނީ ބަނދަރުމަތީ ސަރަހައްދަކުންކަމަށްވާތީ އެކަމާ ގުޅިގެން މަޝްވަރާކުރަމުން އަންނަކަމަށެވެ.

ކެބިނެޓްގެ ނިންމެވުމާއެކު މިފްކޯއިން އެމްއެންޑީއެފަށް ކަނޑުއޮތްގިރި ހަވާލުކޮށްފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން މުޅި ފެސިލިޓީ ބަދަލުކުރަންޖެހެއެވެ.

tel:+9607331319