
ދަރަނިތައް ދެއްކުމަށް 5.1 ބިލިއަން ރުފިޔާ ހޭދަކޮށްފި

ރިޟްވާން މޫސާ - 24 ޖެނުއަރީ 2026 - 06:32
ނިމިދިޔަ 2025 ވަނަ އަހަރު ދައުލަތުގެ ދަރަނިތައް ދެއްކުމުގައި 5.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެެ.
ދައުލަތުން ލޯނުތައް ދެއްކުމުގައި ނިމިދިޔަ އަހަރު މިވަރުގެ ބޮޑު ހޭދައެއް ކޮށްފައިވާއިރު މިއީ މިހާތަނަށް ލޯނުތައް ނުވަތަ ދަރަނި އަދާކުރުމުގައި ރެކޯޑު ކުރެވިފައިވާ އަދަދެއްކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ލޯނު ދެއްކުމަށް އެކަނިވެސް 5.1 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ނިމިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި 3.8 ބިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. އަދި 2024ވަނަ އަހަރު ލޯނު ދެއްކުމަށް ޚަރަދުކުރި 2.3 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 121.7 އިންސައްތަ އިތުރު އަދަދެކެވެ.
ލޯނު އިންޓްރެސްޓްގެ ގޮތުގައި އެކަނިވެސް 4.6 ބިލިޔަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ.
2.9 ބިލިޔަން ރުފިޔާ ބޭރުގެ ފަރާތްތަކަށް ލޯނުދެއްކުމަށް ހޭދަކޮށްފައިވާއިރު މީގެ ތެރޭގައި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި އެކި ގައުމުތަކުން ނަގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ލޯނުތައް ވެސް ހިމެނެއެވެ.
2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިޔަން ރުފިޔާގައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފައެވެ.
ކުރީ ސަރުކާރުން ލޯނުތައް އަނބުރާ ދެއްކުމަށް ގެންގުޅު އުސޫލުތަކުގެ ސަބަބުން ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނަމުން ދިއުމާއެކު ރާއްޖޭގެ ސުކޫކުގެ އަގުވެސް އޭރު ވަރަށް ބޮޑަށް ދަށްވެގެންދިޔައެވެ.
ނިމިދިޔަ ސަރުކާރުން 7.7 ބިލިޔަން ރުފިޔާގެ ސުކޫކެއް ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ވިއްކާފަ އެވެ. މި ސުކޫކަށް އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިޔަން ޑޮލަރުގެ މަގުން ޖުމްލަ 50 މިލިޔަން ޑޮލަރު ދައްކަންޖެހެއެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސުކޫކުގެ މުއްދަތަށް އެއްފަހަރާ ދެއްކުމަށް ދައުލަތުގެ ބަޖެޓުން ވަނީ 9.3 ބިލިއަން ރުފިޔާ ހޭދަކުރަން ހިިމަނާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ މޭޔަރު ކެމްޕެއިން- ޕީއެންސީން ފޯރިގަދަ ކެމްޕެއިން ހަރަކާތެއް އަނެއްކާވެސް ބާއްވައިފި
ސިކުންތުކޮޅެއް ކުރިން

މިއަހަރު ހުރިހައި ރަށެއްގައި ލެބޯޓަރީ ގާއިމުކޮށް ނިންމާނަން: ހެލްތު މިނިސްޓަރު
5 ގަޑިއިރު ކުރިން

ދަރިވަރުންގެ ލޯނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޙަރަދުކޮށްފި
5 ގަޑިއިރު ކުރިން

ގެވެށި އަނިޔާގެ މައްސަލައެއްގައި ގަދަކަމުން މީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


