
އިމާމުން އިތުރުކުރުމަށް ޢާއްމު އިމްތިޙާނެއް ތަޢާރަފްކުރަނީ

އާމިނަތު ޝަޒްލާ - 22 ޖޫން 2026 - 13:50
ރަށްރަށުގެ މިސްކިތްތަކަށް ބޭނުންވާ އިމާމުންގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ޚާއްޞަ އިމްތިޙާނަކަށްފަހު އިމާމުކަން ކުރުމުގެ ހުއްދަ ދޫކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 569 ދާއިމީ އިމާމުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ ބޭފުޅުންގެ ފެންވަރު މަތިކުރުމަށް "އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް" އެއް މިހާރު ވަނީ ފަށްޓަވާފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ގިނަ ރަށްތަކެއްގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. މި މައްސަލަ ކުރިމަތިވަނީ މިސްކިތްތަކުގެ އަދަދު އިތުރުވުމާއި، ބައެއް ރަށްރަށުގައި އެކަމަށް ބޭނުންވާ ފެންވަރުގެ މީހުން މަދުވުމުންނެވެ.
މިކަމަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، އޯލެވެލް ނިންމާ ދަރިވަރުންނަށް މި ދާއިރާއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އިމާމުކަމުގެ ރަސްމީ ތަޢުލީމު ނެތް ނަމަވެސް، މިނިސްޓްރީން ކަނޑައަޅާ މުޤައްރަރެއްގެ ދަށުން ބާއްވާ އިމްތިޙާނަކުން ފާސްވާ ފަރާތްތަކަށް އިމާމުކަމުގެ ހުއްދަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ކަމާބެހޭ އިދާރާތަކާ މަޝްވާރާކުރުމަށްފަހު، ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ޖުމްލަ 623 މިސްކިތް ހުރިއިރު، އޭގެ ތެރެއިން 554 މިސްކިތެއްގައި ދާއިމީ އިމާމުން އެބަތިއްބެވެ. ނަމަވެސް އަދިވެސް 69 މިސްކިތެއްގައި ދާއިމީ އިމާމުން ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިމާމުންގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ސަޢޫދީ ޢަރަބިއްޔާ، ބުރުނާއީ، އިންޑޮނޭޝިއާ އަދި މެލޭޝިއާ ފަދަ ޤައުމުތަކުން ތަމްރީނު ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ރާއްޖޭގައި ކުރިއަށްދާ ތާޒާކުރުމުގެ ޕްރޮގްރާމުގެ ދަށުން، ޤުރުއާން، ތަފްސީރު، ފިޤުހު، ޙަދީޘް އަދި ޢަޤީދާ ހިމެނޭހެން މުހިންމު 9 މާއްދާއަކުން އިމާމުން ތަމްރީނު ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޓްރީޓޮޕުން ލ. އަތޮޅުގައި މަލްޓި ސްޕެޝަލިޓީ ހެލްތު ކޭމްޕް ކުރިއަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވެއްޖެ
2 ގަޑިއިރު ކުރިން

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު، ވަގުތީ ގޮތުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ފަރުކޮޅުފުށި މާރާމާރީ: ހައްޔަރު ކުރި މީހާގެ ބަންދަށް 5 ދުވަސް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)