logo

ޑައިވަރުން މަރުވި ހާދިސާ: ތަހުގީގަށް ބޭނުންވެދާނެ ހެކި ނަގައި ފުލުހުންނާ ހަވާލުކޮށްފި

profile

އާމިނަތު ޝަޒްލާ - 22 މޭ 2026 - 14:42

ރާއްޖޭގެ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި، ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ 5 ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަން ނިންމާލައި، ތަހުގީގަށް ބޭނުންވާ ހެކިތަކާއި ބޭނުންކުރި ސާމާނުތައް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.

https://wamco.com.mv/

އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭގައި ފީނަން އުޅެނިކޮށް މަރުވެފައިވަނީ އިޓަލީގެ 5 ޑައިވަރުން ކަމަށްވާ އުމުރުން 52 އަހަރުގެ މޮނިކާ މޮންޓެފަލްކޯން، އޭނާގެ ދަރިފުޅު 20 އަހަރުގެ ޖިއޯޖިއާ ސޮމަކާލް، 31 އަހަރުގެ މުރީއެލް އޮޑެނިނޯ، 31 އަހަރުގެ ފެޑެރީކޯ ގުއަލްޓިއަރީ އަދި އެމީހުންގެ އިންސްޓްރަކްޓަރ 44 އަހަރުގެ ޖިއަންލޫކާ ބެނެޑެޓީއެވެ.

މި އޮޕަރޭޝަންގެ އެންމެ ފަހު މަރުހަލާގައި މޫސުން ގޯސްވެ، ވައި ގަދަވުމާއި އޮއި ބާރުވުމުގެ ސަބަބުން މަސައްކަތް ފެށުން ގަޑިއެއްހާއިރު ލަސްވި ނަމަވެސް، ޖުމްލަ ތިން ގަޑިއިރުގެ ޑައިވްއެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ބުނި ގޮތުގައި، މި އޮޕަރޭޝަން ނިންމާލުމުގެ ގޮތުން އިއްޔެ ވަނީ އެންމެ ފަހު ޑައިވް ކުރިއަށް ގެންގޮސްފައެވެ.

މި 5 މީހުންގެ ތެރެއިން ޖިއަންލޫކާގެ ހަށިގަނޑު ފެނިފައިވަނީ 58-60 މީޓަރު އަޑިން އޮންނަ ހޮހޮޅައެއްގެ ދޮރު ކައިރިންނެވެ. ބާކީ ތިބި 4 މީހުންގެ ހަށިގަނޑު ފެނިފައިވަނީ ހޮހޮޅައިގެ އެންމެ އަޑިން، ތިން ވަނަ ޗެމްބަރުގެ ދޮރުމަތިން ކަހަލަ ގޮތަކަށެވެ. އެ 4 މީހުންގެ ހަށިގަނޑު ހޯދައި ނަގާފައިވަނީ ފިންލޭންޑުގެ ތަޖުރިބާކާރު 3 ޑައިވަރުންނެވެ.

ޑޭން އިޓަލީގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑައިވަރުންނަށް މަގު އޮޅުނީ ހޮހަޅައިގެ ތެރޭގައި އުފެދިފައިވާ ވެލި ފުންޏެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

މި ހިތާމަވެރި ހާދިސާގައި ގެއްލުނު 5 މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިމަހުގެ 16 ވަނަ ދުވަހު، އެ ހަށިތައް ހޯދުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު އެމްއެންޑީއެފްގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk