
އައްޑޫ ސިޓީ ލިންކް ރޯޑް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އައްޑޫ އަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 22 މޭ 2026 - 11:47
އައްޑޫ ސިޓީގެ ލިންކް ރޯޑް ތަރައްގީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީތަކުގެ ފުރަތަމަ ޝިޕްމަންޓް އައްޑޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދު (ސޮޑާ) ހާމަކުރައްވައިފިއެވެ.
ސަޢީދު ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ލިންކް ރޯޑްގެ މަސައްކަތަށް ބޭނުންވާ ސާމާނު އައްޑޫއަށް ފޮނުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތަފްޞީލް ހިއްސާކުރަމުން އެ ކުންފުނިން ބުނީ، މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށްޓަކައި ކޮންމެހެން ނަގަންޖެހޭ ގަސްތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމާއި، ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ހަމައެއާއެކު، މަޝްރޫޢުގެ ފަންނީ ސާވޭތައް ފުރިހަމަކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އައްޑޫ ސިޓީގެ ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެ، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ މަގު އަލުން ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް 8 ވަނަ ދުވަހުއެވެ.
މި މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ލިންކް ރޯޑް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން އައްޑޫގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުތަކުން ނުނިމި ހުރި މަގުތަކާއި، ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.
އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ޖުމްލަ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ.
އާރްޑީސީގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މި ބިޔަ މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމެވެ.
މި މަޝްރޫއު ނިމުމުން އައްޑޫގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އައިސް، ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޑަބްލިޔުޑީސީ ރައީސާއިންނަށް މުސާރަ ބޮޑު ކުރީ މަގާމުގެ މަސްއޫލިއްޔަތައް ބެލުމަށްފަހު: ނިމާލު
ގަޑިއިރެއް ކުރިން

ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފި
ގަޑިއިރެއް ކުރިން

ނޫސްވެރިޔާ ލީވާން މިނިވަންވެއްޖެ
ގަޑިއިރެއް ކުރިން

ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެއް، ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ: ޚުޠުބާ
ގަޑިއިރެއް ކުރިން


.gif&w=3840&q=75)