logo

ނޫސްވެރިޔާ ލީވާން މިނިވަންވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 22 މޭ 2026 - 11:46

ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިއަދު މިނިވަންވެއްޖެއެވެ.

https://wamco.com.mv/

ކޯޓު އަމުރަކާ ހިލާފުވި ކަމަށް ކަނޑައަޅައި، ލީވާންގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ޖަލަށްލުމަށް ހުކުމްކުރީ މި ހިނގާ މަހުގެ 12 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށެވެ. ލީވާންގެ ބަންދު މުއްދަތު ހަމަވުމުން އޭނާ މިނިވަންވި ނަމަވެސް، ޝަހުޒާން އަދިވެސް ހުރީ ހުކުމް ތަންފީޒުކުރުމަށް ބަންދުގައެވެ.

ޝަހުޒާންގެ މައްޗަށް މި ފިޔަވަޅު އެޅީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ހިލާފަށް ވާހަކަދެއްކި ކަމުގެ ތުހުމަތުގައެވެ. ލީވާންގެ މައްޗަށް ތުހުމަތު ކުރެވުނީ ކޯޓު އަމުރާ ހިލާފަށް ހަބަރެއް ޝާއިއުކުރި ކަމަށެވެ.

ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވާ ކަމަށް ނިންމައި، ޝަހުޒާން 15 ދުވަހަށް ޖަލަށްލުމުގެ އިތުރުން 25,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ހަމައެއާއެކު، ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، އޭނާވެސް 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން، 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމަންޓްރީއަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު، އެ ނޫހުގެ އިސް ދެ މުވައްޒަފުން ކަމަށްވާ ހުސައިން ފިޔާޒާއި ހަސަން މުހައްމަދުގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk