
233 އާރުޓީއައި އަށް ރައީސް އޮފީހުން ޖަވާބުދީފި: ތަރުޖަމާނު

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 08:53
233 އާރުޓީއައި އަށް ރައީސް އޮފީހުން ޖަވާބުދީފައިވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން (އާރްޓީއައި) ހުށަހަޅާ ފަރާތްތަކުން ފާހަގަކުރެވޭ ބައެއް ގޮންޖެހުންތަކާ ގުޅޭގޮތުން މުންދު ވާހަކަދެއްކެވިއެވެ.
އެގޮތުން، ގިނަ ފަހަރަށް ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް އާރްޓީއައިތައް ހުށަހެޅުމާއި، މަޢުލޫމާތު ހޯދަން ބޭނުންވާ އިދާރާ ނޫން އެހެން މުއައްސަސާތަކަށް ހުށަހެޅުންތައް ފޮނުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ކަންކަމުގެ ސަބަބުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދަތިތަކާއި ލަސްތަކެއް ކުރިމަތިވާކަން ބަޔާންކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅިފައިވާ އާރްޓީއައިތަކުގެ ތަފާސްހިސާބުތައް ތަރުޖަމާނު ވަނީ ޙިއްސާކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރު 31 އިން ފެށިގެން މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 180 އާރްޓީއައި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 170 ހުށަހެޅުމަކަށް ވަނީ ޖަވާބު ދީފައެވެ.
މީގެ އިތުރުން، މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް ލިބުނު 106 އާރްޓީއައިގެ ތެރެއިން 63 ހުށަހެޅުމަކަށް މިހާރު ޖަވާބުދީ ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ޖަވާބު ނުދެވި އޮތް 55 އާރްޓީއައި ތަކުގެ ތެރޭގައި، މިހާރު މައުލޫމާތު އެއްކުރަމުންދާ އަދި ވަގުތުން ޖަވާބު ދިނުމަށް ދަތިވި ނަމަވެސް ޖަވާބު ދެވޭނެ ފަދަ ހުށަހެޅުންތައް ހިމެނެއެވެ.
މީގެ އިތުރުން، ބައެއް މައުލޫމާތުތަކަކީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނުވަތަ މާލީ އެއްބަސްވުންތަކުގައި ހިމެނޭ ސިއްރު ހިފެހެއްޓުމުގެ މާއްދާތަކާ ގުޅުންހުރި އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ބައެއް މައުލޫމާތަކީ ދޫކުރެވެން ނެތް މައުލޫމާތު، ނަމަވެސް އޭގެ ތެރޭގައި ހިއްސާކުރެވޭނެ މައުލޫމާތު ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ހަރަދުތަކަކީ މީޑިއާތަކުން ވަރަށް ބޮޑު ސަމާލުކަމެއްދޭ މައުލޫމާތެއްކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، އެފަދަ ތަފްސީލުތައް ލިބުން ލަސްވާ ހާލަތްތައް މެދުވެރިވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ތަރުޖަމާނު ވަނީ ރައީސް ކުރެއްވި ފަސް ދަތުރުފުޅެއްގެ ތަފްސީލީ ހިސާބުތައް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަށްވީތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ މޮޅެއް ނެތް: ފައްޔާޒް
ގަޑިއިރެއް ކުރިން

ޑީޖޭއޭގެ އިސް ދެމުވައްޒަފަކު ސަސްޕެންޑް ކޮށްފި
ގަޑިއިރެއް ކުރިން

އައްޑޫސިޓީގެ ވިޔަފާރިވެރިންނަށް ހާއްސަ ބިޒަނަސް ފޯރަމެއް މި މަހުގެ ތެރޭގައި ބާއްވަނީ
4 ގަޑިއިރު ކުރިން

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)