logo

ބޭރުފައިސާ އާއި ބެހޭ ބިލު މަޖިލީހަށް ބަލައިގަނެފި

profile

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2026 - 13:23

ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލު ގެނައުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ގާނޫނު އަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

https://wamco.com.mv/

މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 57 މެންބަރުންގެ ތާއީދާއެކުގައެވެ. ބިލު ބަލައިގަތުމަށްފަހު، އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުހައްމަދެވެ.

މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަޤްސަދަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި، އެ ފައިސާ މާރުކުރަންޖެހޭ އުސޫލުތައް މުރާޖަޢާކޮށް ހަރުދަނާކުރުމެވެ.

މީގެ އިތުރުން، ކެޓަގަރީ-އޭ ގެ ދަށުން ހިމެނޭ ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑުތައް މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށަށް ގެނައުމަކީވެސް މި ބިލުގެ މުހިއްމު ބޭނުމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާ އާއި މާލީ އިދާރާތައް ފިޔަވައި، ދިވެހިންގެ ސައްތަ އިންސައްތަ ހިއްސާ އޮންނަ ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު ލުއިކޮށްދިނުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ.

އަމަލުކުރަމުންދާ ގާނޫނުގައިވާ ގޮތުން، ބޭރު ފައިސާގެ އާމްދަނީ ބޭންކަށް ޖަމާކުރަން ލާޒިމުވަނީ 15 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ ފަރާތްތަކަށެވެ.

ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކަށް ޖަމާކުރުން ލާޒިމުވާނީ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުން މުދަލާއި ހިދުމަތް ފޯރުކޮށްދީގެން އަހަރެއްގެ މައްޗަށް މަދުވެގެން 25 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ ފަރާތްތަކަށެވެ.

ހަމައެއާއެކު، މިހާރު އޮތް ގާނޫނުގެ ދަށުން ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނުވަތަ ޖުމްލަ އާމްދަނީގެ %20 މާރުކުރަން ޖެހުނު ނަމަވެސް، އާ އިސްލާހުގައިވާ ގޮތުން ކެޓަގަރީ 'އޭ' ގައި ހިމެނޭ ފަތުރުވެރިކަމުގެ މަންޒިލްތަކުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %20 ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

https://wamco.com.mv/
tel:+9607331319