
ކެންސަރު ބަލީގެ ފޭކް އިންޖެކްޝަން ބޭނުން ނުކުރަން އެދިއްޖެ

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2026 - 13:24
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލެއް އަމިއްލަ ފަރާތަކުން ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު ސަމާލުކަމުގެ ނޯޓިސްގައި ބަޔާންކޮށްފައިވާ ގޮތުގައި، 'ސްވޯޑްސް ލެބޯޓްރީސް އަންލިމިޓެޑް' އިން އުފައްދާފައިވާ ނިވޮލުމަބް އިންޖެކްޝަންގެ ބެޗު ނަންބަރު: 8081399 ރާއްޖެއަށް އެތެރެކޮށްފައިވާކަން މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ.
އެހެންކަމުން، މި ބެޗުގެ އިންޖެކްޝަން ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމުގެ އިތުރުން ބޭނުންކުރުމަކީވެސް މަނާކަމެއް ކަމުގައި އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި އިންޖެކްޝަން ރާއްޖެއަށް އެތެރެކޮށްފައިވަނީ އަމިއްލަ ފަރުދެކެވެ.
މިހާތަނަށް ބެލިބެލުމުން އެއްވެސް ފާމަސީއަކުން މި ބޭސް ފެނިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކެންސަރުގެ ފަރުވާއަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނިފައިވާތީ، އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ދާދި ފަހުން އިލްތިމާސްކޮށްފައެވެ.
ޑަބްލިއުއެޗްއޯއިން ނެރުނު އެލާޓުގައި ބުނެފައިވަނީ، ރާއްޖެއާއި މެކްސިކޯއިން ފެނުނު މި ނަކަލު ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
ބައެއް ހޮސްޕިޓަލްތަކަށް މި ބޭސްތައް ފޯރާފައިވުމަކީ ބޭސް ފޯރުކޮށްދިނުމުގެ ބައިނަލްއަގުވާމީ ނިޒާމުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

11 އައިސް ޕްލާންޓެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: ވަޒީރު ޝިޔާމް
2 ގަޑިއިރު ކުރިން

ބޭރުފައިސާ އާއި ބެހޭ ބިލު މަޖިލީހަށް ބަލައިގަނެފި
2 ގަޑިއިރު ކުރިން

އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އެތެރެކުރުން ގިނަ ގައުމުތަކަކުން މެދުކަނޑާލައިފި
2 ގަޑިއިރު ކުރިން

މަޖިލީހުގެ ދައުރު ދަންމާލައިފި
2 ގަޑިއިރު ކުރިން


