
އެމެރިކާއާއެކު ކުރިމަތިލުމަކަށް އީރާނުގެ އަސްކަރީ ތައްޔާރީތައް ވަރުގަދަކޮށްފި

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 15:16
ކުރިއަށް އޮތް ތަނުގައި އެމެރިކާއާ ދެކޮޅަށް ހިނގައިދާނެ އަސްކަރީ ކުރިމަތިލުމަކަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން، ޒަމާނީ އައު ހަތިޔާރާއި ފަންނީ ވަސީލަތްތައް އިތުރުކޮށް، ދިފާޢީ ޤާބިލުކަން ވަރުގަދަކޮށްފައިވާ ކަމަށް އީރާނުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.
އީރާނުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު، ބްރިގޭޑިއަރ ޖެނެރަލް ރިޟާ ޠަލާއީ-ނީކް ވިދާޅުވީ، ދުޝްމަނުން ހައިރާންކޮށްލާނެ ފަދަ އަސްކަރީ އައު އުކުޅުތަކާއި ހައިރާންކުރުވަނިވި ކަންކަން ދެން ފެނިގެންދާނީ ހަނގުރާމައިގެ މައިދާނުން ކަމަށެވެ.
ރައީސް މަސްޢޫދު ޕެޒެޝްކިއާންގެ ޒަޢާމަތުގައި، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރިމަތިވި ހަނގުރާމައިގެ ޙާލަތްތަކާއި ސަރަޙައްދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ވަނީ އަސްކަރިއްޔާއަށާއި އިންޤިލާބީ ފައުޖު (އައި.އާރު.ޖީ.ސީ) އަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދީފައެވެ. އަދި ދުޝްމަނުންގެ ފިއްތުންތަކާއި ރޭވުންތައް ކާމިޔާބުކަމާއެކު ނާކާމިޔާބުކޮށްލެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި، ފަހުގެ ކުރިމަތިލުންތަކާއެކު ޤައުމުގެ ދިފާޢީ ޞިނާޢަތް އިތުރަށް ހަރުދަނާކުރުމަށް އައު ދޮރުތަކެއް ހުޅުވިގެންދިޔައެވެ. އެގޮތުން، ޤައުމުގެ ދިފާޢީ އުފެއްދުންތެރިކަމުގެ ބޮޑުބައެއް ޙިއްޞާކުރާ 9,300 އަށްވުރެ ގިނަ ކުންފުނީގެ ވިއުގައަކުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ.
މީގެއިތުރުން، އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައަށްފަހު، އީރާނުގެ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ވަނީ ދެގުނައަށް އިތުރުކުރެވިފައެވެ. އަދި ދުރުރާސްތާ މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯން ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރީ ސަފަށް އެރުމަށް އަމާޒު ހިފާފައިވާއިރު، އިތުރުވާ އުފެއްދުންތައް ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓް ކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.
އީރާނުން މިހާރު 1,000 އަށްވުރެ ގިނަ ބާވަތުގެ އަސްކަރީ އާލާތްތައް އަމިއްލައަށް އުފައްދަމުންދާއިރު، ދިފާޢީ ދާއިރާއިން އެ ޤައުމުގެ އަމިއްލަ ފުދުންތެރިކަން ވަނީ 90 އިންސައްތައަށްވުރެ މައްޗަށް އަރާފައެވެ. އަދި މިހާރު އީރާނުގެ މައިގަނޑު އަމާޒަކީ އެހެން ޤައުމުތަކުގެ ޓެކްނޮލޮޖީ ކޮޕީކުރުމުގެ ބަދަލުގައި، އަމިއްލަ އީޖާދީ އައު އުފެއްދުންތައް ތަރައްޤީކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ޖިންސީ ގޯނާކޮށްގެން ބައްޕަ ހައްޔަރުކޮށްފި!
42 މިނިޓު ކުރިން

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ބޮން އަޅައިފި
44 މިނިޓު ކުރިން

"ފޭސް 2 ގައި ހިނގި ކާރު އެކްސިޑެންޓް" 2 ކާރެއް ހޯދައި ޓޯކޮށްފި! ކުޑަ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި!
ގަޑިއިރެއް ކުރިން

މިއަދުވެސް އެކްސިޑެންޓެއް! އަނިޔާވީ 62 އަހަރުގެ މީހަކަށް!
ގަޑިއިރެއް ކުރިން


