
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ބޮން އަޅައިފި

ރިޟްވާން މޫސާ - 31 އޯގަސްޓު 2026 - 04:23
އީރާނުގެ ވަކިން އޮންނަ ރަށެއް ކަމަށްވާ ލާރަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާ ސިފައިން ވަނީ ލާރަކްގައި ހުރި އީރާނުގެ ދެ މިސައިލް އުފައްދާ މަރުކަޒަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެވެ.
އީރާނުގެ ޕްރެސް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ހުރްމުޒް ކަނޑުއޮޅީގައިވާ އެމެރިކާގެ އުޅަނދުފަހަރަށް ވެސް އީރާނުން ވަނީ މިސައިލް ހަމަލާތަކެއް އަމާޒުކޮށްފައެވެ. އަދި އީރާނުގެ ދެކުނުގެ ސަރަޙައްދުގައި އޮންނަ އަވަށަކުން ވަރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށާއި، އެއީ އެމެރިކާއިން ދިން ހަމަލާތަކާ ގުޅުންހުރި ކަމެއް ކަމަށް ބެލެވޭ ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.
އެމެރިކާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި މި ހަމަލާ އަމާޒުކުރީ ހުރްމުޒް ކަނޑުއޮޅިއަށް ކަނޑުގެ މައިން އެޅުމަށް ތައްޔާރުވަމުންދިޔަ ސިސްޓަމްތަކަށެވެ. މިއީ މިދިޔަ ޖުލައި މަހުގެ ފަހުން އެމެރިކާއިން އީރާނުގެ ސަރަޙައްދަކަށް ދިން ފުރަތަމަ ހަމަލާއެވެ. އައިއާރުޖީސީން ބުނީ އެމެރިކާއިން ދިން ހަމަލާގައި އީރާނުގެ ސިފައިންނާއި އާންމުންގެ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، މި ޖަރީމާއަށް ދޭ ރައްދު ވަރަށް ވަރުގަދަ ވާނެ ކަމަށެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން، އީރާނުގެ އެކި ސަރަޙައްދުތަކުން އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ވަނީ ފޮނުވާލައިފައެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާގެ އެކި މަސްދަރުތަކާ ހަވާލާދީ ފޮކްސް ނިއުސްއިން ބުނެފައިވަނީ އުރުދުންއަށް އަމާޒުވި ގިނަ މިސައިލްތައް ވައިގެ ތެރޭގައި ހުއްޓުވާފައިވާ ކަމަށާއި، އެ މަރުކަޒުތަކަށް މާ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ އިސް މެންބަރެއް ކަމަށްވާ އިބްރާޙީމް ޢަޒީޒީ 'އެކްސް' ގައި ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ.
އޭނާ ވިދާޅުވީ، އީރާނުގެ ޢަޒުމް ގުޑުވައިލަން ކުރާ ކޮންމެ މަސައްކަތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި، އަދި އެމެރިކާއިން ހިންގާ ކޮންމެ ޖަރީމާއަކަށް ވެސް "ފަނާކުރަނިވި ރައްދުތަކާއެކު" އެމެރިކާއިން ލަދުގަންނަންޖެހޭ ފަދަ ނާކާމިޔާބީތަކާ ކުރިމަތިކުރުވާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28އިން ފެށިގެން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެމެރިކާއާއި ޔަހޫދީ ދައުލަތުން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާއި، ޔަހޫދީން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެ، އެތަކެއް މިލިއަން މީހުން ވަނީ ޙާލުގައި ޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޖިންސީ ގޯނާކޮށްގެން ބައްޕަ ހައްޔަރުކޮށްފި!
42 މިނިޓު ކުރިން

"ފޭސް 2 ގައި ހިނގި ކާރު އެކްސިޑެންޓް" 2 ކާރެއް ހޯދައި ޓޯކޮށްފި! ކުޑަ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި!
ގަޑިއިރެއް ކުރިން

މިއަދުވެސް އެކްސިޑެންޓެއް! އަނިޔާވީ 62 އަހަރުގެ މީހަކަށް!
ގަޑިއިރެއް ކުރިން

ރިސޯޓުތަކުގެ ޙައްގުގައި އެމްޑީޕީން މާލޭގައި މުޒާހަރާ ކޮށްފި!
ގަޑިއިރެއް ކުރިން


