
އެއް އުޅަނދަށް ވުރެ ގިނައިން ރަޖިސްޓަރީ ކުރާ ނަމަ 'މަލްޓިޕްލް އޯނާޝިޕް ފީ' ނަގަން ފަށައިފި

އާމިނަތު ޝަޒްލާ - 01 ސެޕްޓެމްބަރު 2026 - 12:12
އަމިއްލަ ބޭނުމަށް އެއް ބާވަތެއްގެ އެއް އުޅަނދަށް ވުރެ ގިނައިން ނުވަތަ ދެ ބާވަތަކުން އިންޖީނުލީ ދެ އުޅަނދަށް ވުރެ އިތުރަށް ވެހިކަލް ރަޖިސްޓަރީ ކުރާ ނަމަ، 'މަލްޓިޕްލް އޯނާޝިޕް ފީ' ނަގަން ނިންމައިފިއެވެ.
މި ބަދަލު ގެނެސްފައިވަނީ އިއްޔެ ތަސްދީގުކޮށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުންނެވެ. މި ގާނޫނުގައިވާ ގޮތުން އަމިއްލަ ފަރުދެއްގެ ނުވަތަ ގާނޫނީ ޝަހުސެއްގެ ނަމުގައި ރަޖިސްޓަރީކުރާ އުޅަނދުގެ އަދަދު ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރުވާ ނަމަ، ކޮންމެ އަހަރަކު އެއްފަހަރު މި ފީ ދައްކަން ޖެހޭނެއެވެ. ނަމަވެސް، މި ފީ ނަގަން ފަށާނީ ގާނޫނު ތަސްދީގުކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގައެވެ.
މި ފީ ނެގުމަށް ހަމަޖެހިފައިވަނީ އުޅަނދުގެ ބާވަތަށާއި އިންޖީނުގެ ކެޕޭސިޓީ (ސީސީ) އަށް ބަލައިގެންނެވެ.
- ކާރާއި ވޭން އަދި ޖީޕް: ސީސީއަށް ބަލައި އަހަރަކު 4،320 ރުފިޔާއިން ފެށިގެން 17،000 ރުފިޔާއިން މަތީގެ އަދަދެއް ދައްކަން ޖެހޭނެއެވެ.
- މުދާ އުފުލާ އުޅަނދު: އުފުލޭ ބަރުދަނަށް ބަލައި އަހަރަކު 3،600 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ ފީއެއް ނެގުމަށް ވަނީ ކަނޑައަޅާފައެވެ.
- ސައިކަލުތަކުގެ ގިންތިއަށް ބަލާއިރު، 50 ސީސީއަށް ވުރެ ކުދި ސައިކަލުތަކުން އަހަރަކު ނަގާނީ 360 ރުފިޔާއެވެ. އަދި 50 އާއި 100 ސީސީއާ ދެމެދުގެ ސައިކަލުތަކުން އަހަރަކު 752 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، 100 އާއި 150 ސީސީއާ ދެމެދުގެ އުޅަނދުތަކުން ނަގާނީ އަހަރަކު 1،296 ރުފިޔާއެވެ. މީގެއިތުރުން، 150 އާއި 200 ސީސީއާ ދެމެދުގެ ސައިކަލުތަކުން އަހަރަކު 2،304 ރުފިޔާ، 200 އާއި 400 ސީސީއާ ދެމެދުގެ އުޅަނދުތަކުން އަހަރަކު 12،960 ރުފިޔާ އަދި 400 ސީސީއަށް ވުރެ މަތީގެ ސައިކަލުތަކުން އަހަރަކު 12،960 ރުފިޔާއާއި 17،280 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަންޖެހެއެވެ.
މި ފިޔަވަޅަކީ އެއް ފަރާތެއްގެ ނަމުގައި ގިނަ އަދަދަކަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުން ކޮންޓްރޯލްކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ނޯވޭގެ ރަސްގެފާނު ހާކޮން 8 ވަނައަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
16 ގަޑިއިރު ކުރިން

މިސްކިތްތަކުގެ ލައިޓްތައް ވަގަށްނަގާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
16 ގަޑިއިރު ކުރިން

ނޭޕާލްގެ ފެންބޮޑުވުން: ހޮހަޅަތަކުގައި ތާށިވި މީހުން ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް!
16 ގަޑިއިރު ކުރިން

މިފްކޯގެ ޗެއަރމަން ކަމަށް ފާއިޒް އައްޔަނުކޮށްފި
17 ގަޑިއިރު ކުރިން


