logo

ނޭޕާލްގެ ފެންބޮޑުވުން: ހޮހަޅަތަކުގައި ތާށިވި މީހުން ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް!

profile

އާމިނަތު ޝަޒްލާ - 01 ސެޕްޓެމްބަރު 2026 - 13:16

ނޭޕާލްގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައި ކުއްލިއަކަށް ފެންބޮޑުވި ނުރައްކާތެރި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ހައިޑްރޯޕަވަރ ނުވަތަ ފެނުން ހަކަތަ އުފައްދާ މަޝްރޫޢުތަކުގެ ހޮހަޅަތަކުގެ ތެރޭގައި ތާށިވެފައިވާ އެތައް ސަތޭކަ ބަޔަކު ސަލާމަތް ކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

https://wamco.com.mv/

މި ބޮޑު ކާރިސާ ހިނގަން މެދުވެރިވީ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ނޭޕާލްގެ ފަރުބަދަމަތީ ސަރަޙައްދަކުން ބޮޑު ގްލޭސިޔަރެއް (ގަނޑުފެންގަނޑެއް) ކަނޑައިގެން ދިޔުމާ ގުޅިގެންނެވެ. މީގެ ސަބަބުން ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމު ކުއްލިއަކަށް ފުރިބަންޑުންވެ، ބޮޑެތި ހިލަތަކާއި، ގަނޑުފެނުގެ އިތުރުން ކިސަޑު ފައިބައި ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާގައި ނޭޕާލުން މިހާތަނަށް މަރުވި މީހުންގެ ޢަދަދު ވަނީ 903 އަށް އަރާފައެވެ. އަދި ހައިޑްރޯޕަވަރ ހޮހަޅަތަކުގައި ތާށިވެފައިވާ ކަމަށް ބެލެވޭ 933 މީހުން ހިމެނޭހެން، ޖުމުލަ 4,247 މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ގެއްލިފައިވާ މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުގެ އޮފިސަރުންނާއި ޢާންމުން ހިމެނޭ ގޮތަށް 21,000 އަށްވުރެ ގިނަ މީހުންގެ ޓީމުތަކުން ހަރަކާތްތެރިވަމުންދާއިރު، މި މަސައްކަތުގައި އަވަށްޓެރި އިންޑިޔާއާއި ޗައިނާއިންވެސް ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ނޭޕާލް އަސްކަރިއްޔާގެ ތަރުޖަމާނު ރާޖާ ރާމް ބޮސްނޭތު ވިދާޅުވި ގޮތުގައި، ހޮހަޅަތައް ހުޅުވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެ ތަންތަނުގައި ފުނިޖެހިފައިވާ ބޮޑެތި ހިލަތަކާއި ކުނިބުންޏެވެ. ނަމަވެސް، ކިތަންމެ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ސާބިތުކަމާއެކު ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހް ވަނީ ވިދާޅުވެފައެވެ. ރެޑް ކްރޮސް އިން ލަފާކުރާ ގޮތުގައި މި ކާރިސާގެ ސީދާ އަސަރު 90,000 އެއްހާ މީހުންނަށް ވަނީ ކޮށްފައެވެ.

މި ފެންބޮޑުވުމުގެ އަސަރު ޗައިނާގެ ޓިބެޓަށް ވެސް ކޮށްފައިވާއިރު، އެ ސަރަޙައްދުން 16 މީހަކު މަރުވެ، 546 މީހުން ވަނީ ގެއްލިފައެވެ. ޗައިނާ ސަރުކާރުން ބުނެފައިވާ ގޮތުގައި ގެއްލުނު މީހުންގެ ތެރޭގައި 23 ޤައުމަކަށް ނިސްބަތްވާ 261 ބިދޭސީން ހިމެނެއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވީ، ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އެގޮތުން، މީހުން ސަލާމަތްކުރުމަށް ޗައިނާއިން 2,100 އަށްވުރެ ގިނަ މުވައްޒަފުން ނެރެފައިވާއިރު، އެހީގެ އޮޕަރޭޝަންތަކަށް 33 މިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

https://wamco.com.mv/
tel:+9607331319