logo

ނޯވޭގެ ރަސްގެފާނު ހާކޮން 8 ވަނައަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

profile

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2026 - 13:17

ނޯވޭގެ ރަސްކަމުގެ ތަހުތަށް އިސްވެވަޑައިގަތުމާ ގުޅިގެން، ނޯވޭގެ ރަސްގެފާނު ހާކޮން 8 ވަނައަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ތަހުނިޔާއާއި އިހްލާސްތެރި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

https://wamco.com.mv/

ނޯވޭގެ ގާނޫނުހަދާ މަޖިލީހުގެ ކުރިމަތީގައި، އެ ގައުމުގެ ގާނޫނުއަސާސީއަށް ވަފާތެރިވުމުގެ ހުވާ ރަސްގެފާނު ކުރެއްވުމާ ގުޅިގެން ފޮނުއްވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްގެފާނުގެ ލީޑަރޝިޕްގެ ދަށުން ނޯވޭގެ ރަސްކަމުގެ ޒަމާންވީ އުސޫލުތަކާއި ސަގާފަތްތައް ދަމަހައްޓަވައި، ނޯވޭގެ ރައްޔިތުންނަށް ނަމޫނާ ހިދުމަތްތަކެއް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވާފައެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖެއާއި ނޯވޭއަކީ ބައިނަލްއަގުވާމީ މައިދާނުގައި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ހިއްސާކުރާ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް އޮތް ދެ ގައުމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރަސްގެފާނުގެ ރަސްކަމުގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމާއި، އެކި ދާއިރާތަކުން އޮތް އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

ނޯވޭގެ ރައްޔިތުންނަށް އަމާންކަމާއި، ފާގަތިކަމާއި، ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

https://wamco.com.mv/
tel:+9607331319