
އެޗްޑީސީ ޚިޔާނާތް: ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި
.jpeg&w=3840&q=75)
އައިޝަތު އިނާޝާ - 04 ފެބްރުއަރީ 2025 - 08:32
ބިންވެރިޔާ ސްކީމް މެދުވެރިކޮށް ދޫކުރަމުން އަންނަ ގޯތިތައް، ޑޮކިއުމަންޓް ފޯޖުކޮށްގެން ނުހައްގުން ބަޔަކަށް ދީފައިވާ ކަމަށް ބުނާ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ދިރިއުޅޭ ގެއަށް ފުލުހުން ވަދެ، އެގެ ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާ އަނބުރާ އޭނާ އާ ހަވާލުކޮށްފިއެވެ.
ޑޮކިއުމަންޓްތައް ފޯޖުކޮށްގެން ބިން ދޫކުރި މައްސަލައެއްގައި ފުލުހުން އެޗްޑީސީއަށް ވަދެ އެ މައްސަލާގެ ތަހުގީގު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން 1.4 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އޭގެ ފަހުން، ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ގޯތި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަަށް ގެންދިޔަ ފައިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފައިސާގެ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށެވެ.
ބިންވެރިޔާ ސްކީމް މެދުވެރިކޮށް ދޫކުރަމުން އަންނަ ގޯތިތައް، ޑޮކިއުމަންޓްފޯޖުކޮށްގެން ނުހައްގުން ދޫކުރަމުން އަންނަކަން ފެންމަތިވީ ފަޒުލްގެ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފަޒީލް ރަޝީދަށް އެހެން މީހެއްގެ ގޯއްޗެއް ދީ، އޭނާ އެތަނުގައި ވަށާ ފާރު ވެސް ރޭވި ހިސާބުންނެވެ.
އެ މައްސަލާގެ ތަހުގީގަށް އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން އަސްލު ޓީވީ އަށް ބުނީ ފަޒުލްގެ މައްޗަށް ކުރެވެނީ އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތައް ނައްތާލަން އުޅުނު ކަމުގެ ތުހުމަތު ކަމަށެވެ. އަދި މި މައްސަލާގައި ފަޒުލްގެ ބަޔާން ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލާގައި ފުލުހުންގެ އެދުމުގެ މަތިން ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ފުލުހުން ބުނީ އެ ނިންމުން އަދިވެސް ދެމި އެބައޮތް ކަމަށެވެ. އެ 20 މީހުންގެ އިތުރަށް ހަމަ މި މައްސަލާގައި އޭސީސީން ކުރިއަށްގެންދާ ތަހުގީގުގެ ބޭނުމަށް ވެސް އިތުރު 9 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. އަދި އޭގެ ފަހުން 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލާފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން