
މިރޭ އެމްޑީޕީއިން މާލޭގައި ކުރިއަށްގެންދިޔަ އަހާބަލަ އެއްވުމުގެ ތެރެއިން
ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ރައީސް މުއިއްޒު ނުއަގުގައި ފައްޓަރުބައިވެސް ވިއްކާލައިފި: ރައީސް ނަޝީދު

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2026 - 18:40
ފައިސާކޮޅެއްގެ ދަހިވެތި ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ފައްޓަރުބައިވެސް ނުއަގުގައި ބޭރުގެ ބަޔަކަށް ވިއްކާލައިފި ކަމަށާއި، މި ކަމުގައި އެމްޑީޕީން މަޑުން ނޯންނާނެ ކަމަށް އެޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "އަހާބަލަ" އިހްތިޖާޖުގައި ބައިވެރިވެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ރަސްމާލެ ވިއްކާލުމުގެ ކުރިން އެކަމުގައި ރައްޔިތުންގެ ބަހެއް ނުހޯއްދަވާނެ ކަމަށް ވިދާޅުވުމުން އެކަމުގެ ފަހަތުގައި އޮތީ ފައިސާގެ ދަހިވެތިކަން ކަމަށެވެ.
ރަސްމާލެ ބޭރުގެ ކުންފުންޏަކަށް ވިއްކާލުމުގައި ދިވެހި ރައްޔިތުންގެ ކިބައިން އައްސަވަން ޖެހޭނެ ކަމަށް ތަކުރާރުކޮށް ގޮވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފައިސާކޮޅެއްގެ ބޭނުމުގައި ނުއަގުގައި ރައްޔިތުންގެ ބިން ވިއްކާލުމަކީ ދިިވެހިން ގަބޫލުކުރާނެ ގޮތެއް ނޫން ކަމަށެވެ.
އެމަނިކުފާނު މިރޭ ވަނީ ބޭރުގެ ބައެއް ގައުމުތަކުގައި ނުއަގުގައި ބިން ދޫކޮށްލުމުގެ ބައެއް ވާހަކަތައްވެސް މި އެއްވުމުގެ ތެރެއިން ހިއްސާކުރައްވާފަ އެވެ. ވިދާޅުވީ ތާރީހުން ނުއަގުގައި ގައުމުތަކުގެ ހަރުމުދާ ވިއްކާލުމުން ވީގޮތް ފެނިގެން ގޮސްފައިވާކަމަށެވެ. އެމަނިކުފާނު މިސާލު ނެންގެވީ އަވަށްޓެރި ސްރީލަންކާ އާއި ގާނާއިންނެވެ.
މިސަރުކާރުގެ މާލީ ސިޔާސަތަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މާލީ އަދީ އިގްތިސާދީ ސިޔާސަތު ފެއިލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގައުމުތައް ދަރަނީގެ ތުންފަތްމައްޗަށް އައުމުން ކުއްލިއަކަށް ފައިސާ ހޯދަން އުޅުމުން، ނުއަގުގައި ކަންކަން ކުރަމުންދާ ކަމަށެވެ.
ގައުމުގެ އިގްތިސާދު އޮޔާދާތަން ބަލަންތިބެވެން ނެތްކަން ފާހަގަކުރައްވައި ސަރުކާރުން މިހާލަތުން އަރައިގަތުމަށް ކުރާކަމެއް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ ތަންދޮރޮ ދަންނަ ބައެއް ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ހަމައެކަނި ހަޅޭއްލަވަން އުޅޭ ބައެއް ނޫން ކަމަށެވެ. އެއްވުމުގެ ބައިވެރިންނާއި ފޯރިގަދަކޮށް ވާހަކަފުޅު ދައްކަވައި ނިންމަވާލައްވަމުން ވެސް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހައްގުގައި ބަސްބުނުމަށް ކަމަށާއި، ރަސްމާލެ ވިއްކާލުމުގައި ރައްޔިތުންގެ ބަހެއް ނުހޯއްދަވައިފިނަމަ އެމްޑީޕީން ދުލެއް ނުދެއްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މައްސަލައިގައި ރެފަރެންޑަމަކަށް ނުދާން އުޅެނީ ބަލިވާނެކަން އެނގޭތީ: ފައްޔާޒް
6 ގަޑިއިރު ކުރިން

މިސްރުގައި ތެޔޮ ބައުޒަރެއް ފުރޮޅާލައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި 31 މީހަކު މަރުވެއްޖެ!
8 ގަޑިއިރު ކުރިން

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު މާދަމާ
8 ގަޑިއިރު ކުރިން
ރަޝިޔާގެ މައި އަސްކަރީ މަރުކަޒަކަށް މިސައިލް އާއި ބޮމުގެ ހަމަލާތަކެއްދީފި
8 ގަޑިއިރު ކުރިން


