
ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ރަސްމާލެ މައްސަލައިގައި ރެފަރެންޑަމަކަށް ނުދާން އުޅެނީ ބަލިވާނެކަން އެނގޭތީ: ފައްޔާޒް

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2026 - 14:14
ރަސްމާލެ މައްސަލައިގައި މިސަރުކާރުން ފެންނަ ނުފެންނަ ވޯޓަކަށް ނުދާން އުޅެނީ އެވޯޓުން ބަލިވާނެތީ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ބިލިއަނެއްހާ ޑޮލަރު ހޭދަކޮށްގެން ހިއްކާފައިވާ ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ހިލޭ ދޫކޮށްލާއިރު އެކަމުގައި ދިވެހިންގެ ބަހެއް ހޯދަން ޖެހޭ ކަމަށެވެ.
ރެފަރެންޑަމެއް ނުބާއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް ގޮންޖެއްސެވީ ވޯޓުން ބަލިވާނެކަން އިނގޭތީ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ރައީސް ޑރ މުއިއްޒު އަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ.
ރަސްމާލެ އީގަލް ހިލްސް އަށް ދިނުމުގައި ބަސް ބުނުމުގެ ފުރުސަތެއް ރައްޔިތުންނަށް ލިބެން ޖެހޭކަން ފާހަގަކުރައްވައި ފައްޔާޒް ވަނީ އެ ފުރުސަތު ހޯދުމަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗަށް ވަޑައިގަތުމަށް އެންމެހައި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
ރަސްމާލެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާއި ދެކޮޅަށް އެމްޑީޕީ އިން މިރޭ މާލޭގައި އެއްވުމެއް ބާއްވާއިރު އެ އެއްވުމުގައި ވީހާ ގިނަ ރައްޔިތުން ބައިވެރިވުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ މި ހަރަކާތަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަން، ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އަޑުއުފުލަމުންދާ ގައުމީ ހަރަކާތުންވެސް ވަނީ ހާމަކޮށްފައެވެ.
ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވީ، އެމްޑީޕީން އިންތިޒާމުކުރާ މި އެއްވުމުގައި ގައުމީ ހަރަކާތަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.






