
އައްޑޫ ސިޓީ
ރަތްމަޑި ފެނިގެން އައްޑޫއިން ރުއް ބޭރުކުރުން މަނާކޮށްފި

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2026 - 13:11
ރުކުގެ އާއިލާއަށް ނިސްބަތްވާ ގަސްގަހާގެއްސަށް ބޮޑެތި ގެއްލުންތަކެއްދޭ ނުރައްކާތެރި ސޫތްޕެއް ކަމަށްވާ ރެޑް ޕާމް ވީވިލް (ރަތްމަޑި) އައްޑޫ ސިޓީގެ ބައެއް ރަށްރަށުން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް އުފުލުމާއި ބޭރުކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، އާންމުކޮށް ދިވެހި ރުކާއި ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ ބާވަތްތަކަށް ނުހަނު ބޮޑަށް ގެއްލުންދޭ މި މަޑި، އައްޑޫ ސިޓީގެ އެކި ރަށްރަށުން މިހާރު ވަނީ ފެނިފައެވެ.
މި ސޫފީގެ ނުރައްކާތެރިކަން އިތުރުވަނީ، އޭގެ ލާވާ މަރުހަލާގައި ރުކުގެ އެތެރޭގެ ބައިތައް ކަމުންދާއިރު ބޭރުފުށުން އޭގެ އަސަރު ފަސޭހައިން ދެނެގަންނަން ދަތިވުމުގެ ސަބަބުންނެވެ.
ގިނަ ފަހަރަށް މި މަޑީގެ އަސަރު ކޮށްފައިވާކަން އެނގެނީ ރުކުގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކުރި މަރުވެ، ރުއް އެއްކޮށް ހަލާކުވާ ހިސާބަށް ދިއުމުންނެވެ. އެހެންކަމުން، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރުއްތައް ގަވާއިދުން ބަލައި ފާސްކުރުމަށާއި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ނުރައްކާތެރި ސޫފި ކޮންޓްރޯލް ކުރުމުގެ ގޮތުން، ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ އައްޑޫ ސިޓީގެ ރަށްރަށުގައި ހުރި ރުއްތަކަށް ހާއްސަ ކީމިޔާވީ ބޭހެއް (އިންސެކްޓިސައިޑް) ޖެހުމުގެ މަސައްކަތް ފަށާފައެވެ.
މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ފެރޮމޯން ޓްރެޕް ބޭނުންކޮށްގެން މަޑި ދަންތުރަޖެހުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވެސް އެ ވުޒާރާއިން މިހާރު ދަނީ ވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިބު ރައީސް ދ ރިނބިދޫ އަށް ވަޑައިގެންފި
ގަޑިއިރެއް ކުރިން

ރަސްމާލެ މައްސަލައިގައި ރެފަރެންޑަމަކަށް ނުދާން އުޅެނީ ބަލިވާނެކަން އެނގޭތީ: ފައްޔާޒް
ގަޑިއިރެއް ކުރިން

މޫދުކުޅިވަރުގެ އައު ގަވާއިދާއެކު، ފަތަން އެނގޭ މިންވަރު ދެނެގަތުން ލާޒިމުކޮށްފި
ގަޑިއިރެއް ކުރިން

ޕެންޝަން ބޯޑުން މުނާ އާއި ޔާމީން ވަކިކޮށްފި
3 ގަޑިއިރު ކުރިން


