logo
މޫދު ކުޅިވަރު ކުޅެނީ

މޫދު ކުޅިވަރު ކުޅެނީ

މޫދުކުޅިވަރުގެ އައު ގަވާއިދާއެކު، ފަތަން އެނގޭ މިންވަރު ދެނެގަތުން ލާޒިމުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2026 - 14:13

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފުރާނައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މޫދު ކުޅިވަރުތަކުގައި ބައިވެރިކުރުމުގެ ކުރިން އެމީހުންގެ ފަތަން ދަންނަ މިންވަރު ދެނެގަތުމަށް ޓެސްޓުކުރުން ލާޒިމުކުރާ އައު ގަވާއިދެއް މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވާލައި، މިއަދު އަމަލުކުރަން ފަށައިފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކުރި އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އުސޫލު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޫދަށް އެރިއުޅުމުގެ ތެރޭގައި ގެނބިގެން ފަތުރުވެރިން މަރުވާ ހިތާމަވެރި ހާދިސާތައް އިތުރުވަމުންދާތީ، އެފަދަ ހާދިސާތައް ހުއްޓުވުމެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އިތުބާރާއި މަގުބޫލުކަން ދެމެހެއްޓުމަކީވެސް މި ފިޔަވަޅުގެ މުހިންމު މަގުސަދެކެވެ.

ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު ގެ ނަމުގައި ގެޒެޓްކުރެވުނު މި ގަވާއިދަށް، ރާއްޖޭގައި ހިންގާ ހުރިހާ ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ހޮޓާތަކުގެ އިތުރުން މޫދު ކުޅިވަރުގެ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކުންވެސް ފުރިހަމައަށް ބޯލަނބަން ޖެހޭނެއެވެ.

އަލަށް ތަންފީޒުކުރަން ފެށި މި އުސޫލުގެ ދަށުން، އާދައިގެ މީހެއްގެ އިސްކޮޅުގެ ތިންބައިކުޅަ ދެބަޔަށްވުރެ ފުން ސަރަހައްދުތަކަށް ފަތުރުވެރިން ގެންދިއުމުގެ ކުރިން، އެމީހަކަށް އެކަށީގެންވާ ވަރަށް ފަތަން އެނގޭކަން ތިލަ ފެނުގައި ޓެސްޓުކޮށް ޔަގީންކުރުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ކޮންމެ ހަރަކާތެއް ހިންގާއިރުވެސް، ބައިވެރިވާ މީހުންގެ އަދަދާ އެކަށޭނަ މިންވަރަށް ފުރިހަމަ ތަމްރީނު ލިބިފައިވާ ގައިޑުން ތިބެންޖެހޭނެއެވެ.

މީގެއިތުރުން، މޫސުމާބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވެގެން އިންޒާރު ނެރެފައިވާ ވަގުތުތަކުގައި، އެއްވެސް ބާވަތެއްގެ މޫދު ކުޅިވަރެއް ނުވަތަ ކަނޑުދަތުރެއް ކުރިއަށް ގެންދިއުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.

މި ގަވާއިދުގައި މޫދު ކުޅިވަރުތައް މައިގަނޑު ތިން ބަޔަކަށް ވަނީ ގިންތިކޮށްފައެވެ.

ޖެޓްސްކީ އަދި ވޯޓާ ސްކީ ފަދަ އިންޖީނު އެޅި އުޅަނދުތައް ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް.

ކަޓަމަރާން ދުއްވުމާއި ރާޅާއެޅުން ފަދަ އިންޖީނު ނުހިމެނޭ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް.

ސްނޯކްލިންގ އާއި މޫދު ދަތުރުތައް ފަދަ އެކްސްކާޝަންތައް. ނަމަވެސް، ސްކޫބާ ޑައިވިންގ ފަދަ ފީނުމުގެ އެންމެހައި ކަންކަން ހިންގާނީ ކުރިއެކޭވެސް އެއްފަދައިން އެކަމަށް ހާއްސަކުރެވިފައިވާ ވަކި ގަވާއިދެއްގެ ދަށުންނެވެ.

މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކުށުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާ ކުރެވޭނެ މިންވަރުތަކަކީ:

ފުރަތަމަ ފަހަރު: ގިނަވެގެން 10,000 ރުފިޔާ.

ދެވަނަ ފަހަރު: ގިނަވެގެން 50,000 ރުފިޔާ.

ތިންވަނަ ފަހަރު: ގިނަވެގެން 100,000 ރުފިޔާ.

މާލީ ޖޫރިމަނާގެ އިތުރުން، ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ވިޔަފާރިތަކުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާއި، މުޅިން ބާތިލުކުރުމުގެ އިހްތިޔާރުވެސް ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ދީފައެވެ.

https://wamco.com.mv/
tel:+9607331319