logo
ރިޕޯޓް : ވެރިކަމުގެ ދަހިވެތިކަން: ދައްޖާލީ ފިތުނައިގެ ހިޔަނި - އޯޖީ

ރިޕޯޓް : ވެރިކަމުގެ ދަހިވެތިކަން: ދައްޖާލީ ފިތުނައިގެ ހިޔަނި - އޯޖީ

ވެރިކަމުގެ ދަހިވެތިކަން: ދައްޖާލީ ފިތުނައިގެ ހިޔަނި

profile

އަހުމަދު ޖަމީލް - 21 ނޮވެމްބަރު 2026 - 06:31

އިންސާނީ ތާރީޚުގެ ޞަފްޙާތަކަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތް އެންމެ ބޮޑު އެއް ޙަޤީޤަތަކީ، މުޖުތަމަޢުތައް ފަސާދަވެ، ޢަދުލުއިންޞާފު ގެއްލިގެން ދިޔުމުގެ މައިގަނޑު އަޞްލަކީ ވެރިކަމާއި ބާރުވެރިކަމަށް އޮންނަ ހައްދުފަހަނައެޅި ދަހިވެތިކަން ކަމެވެ. އިސްލާމީ ޢަޤީދާގެ އަލީގައި ބަލާއިރު، ޤިޔާމަތް ކައިރިވެއްޖެ ކަމުގެ އެންމެ ބޮޑު އެއް ޢަލާމާތަކީ، އަދި އިންސާނިއްޔަތަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި އިމްތިޙާނަކީ މަސީޙުއްދައްޖާލުގެ ފިތުނައެވެ. ދައްޖާލުގެ ޙަޤީޤަތަކީ މަކަރާއި ޙީލަތުން މީސްތަކުން މަގުފުރައްދައި، އަމިއްލަ އެދުމަށްޓަކައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެވެ. ޙަޤީޤަތުގައި، ވެރިކަމުގެ ދަހިވެތިކަމުގައި މިއަދު ފެންނަމުންދާ ނޭދެވޭ ސިފަތަކާއި، ދައްޖާލުގެ ކިބައިގައިވާ ނުރައްކާތެރި ސިފަތަކާ ދެމެދު ވަނީ ބިރުވެރި އެއްގޮތްތަކެކެވެ.

https://wamco.com.mv/

އިސްލާމްދީނުގައި ވެރިކަމަކީ ބޮޑުވެގެންވާ އަމާނާތެކެވެ. އެހެން ނަމަވެސް، އެ މަޤާމުގެ ދަހިވެތިކަން ހިތުގައި އަށަގަނެ، ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ފަދަ ޢަމަލެއް ހިންގަންވެސް ފަސްނުޖެހޭ މީހުންގެ ކިބައިން ފެންނަނީ ނުރައްކާތެރި އާދަތަކެކެވެ. އަމިއްލަ ބާރު ވަރުގަދަކުރުމަށްޓަކައި ދޮގު ހަދައި، ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލައެވެ. ތިމާގެ ވެރިކަމާ ދެކޮޅުވާ ކޮންމެ މީހަކީ ދުޝްމަނެއް ކަމުގައި ދެކި، އަނިޔާވެރިކަމާއި ބޭއިންޞާފު އިސްކުރެއެވެ. އަދި ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ، ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ފައިދާއަށް ބޭނުންކުރެއެވެ.

ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، "ދައްޖާލު" މި ލަފުޒުގެ މާނައަކީވެސް ބޮޑު ދޮގުވެރިޔާއެވެ. ނުވަތަ ޙައްޤާއި ބާޠިލު އޮޅުވާލާ މީހާއެވެ. އޭނާ ފާޅުވާނީ އާދަޔާ ޚިލާފު މަކަރުވެރި ކަންތައްތަކަކާއިގެންނެވެ. އަމިއްލަ އެދުމާއި ކިބުރުވެރިކަމުގެ އިންތިހާއަށް ގޮސް، އޭނާއަކީ އިލާހެއް ކަމަށް ދަޢުވާކުރާނެއެވެ. އޭނާއަށް ބޯލަނބާ މީހުންނަށް މުއްސަނދިކަމާއި ތިޔާގިކަން ދީ، އޭނާއާ ދެކޮޅުވާ މީހުން ހައިހޫނުކަމާއި ތަދުމަޑުކަމުގެ ތެރެއަށް ވައްޓާލާނެއެވެ. އޭނާގެ އެއް ލޯ އަނދިރިވެފައިވާއިރު، ނިތްކުރީގައި "ކާފިރު" ލިޔެވިފައިވުމަކީ، އޭނާގެ ނުކުޅެދުންތެރިކަމާއި އުނިކަން ހާމަކޮށްދޭ ސާފު ހެއްކެކެވެ.

ވިސްނާލަންވީ ނުކުތާއަކީ މިއެވެ. ވެރިކަމަށް ދަހިވެތިވާ އަނިޔާވެރިންނާއި ދައްޖާލުގެ ޢަމަލުތަކާ ދެމެދު ހުރި ގުޅުމެވެ. ދައްޖާލު އޭނާގެ ބާރުން މީސްތަކުން މަގުފުރައްދާ ފަދައިން، ވެރިކަމުގެ ދަހިވެތިކަމުގައި ތިބޭ މީހުންވެސް ދޮގު ޕްރޮޕެގެންޑާތަކުން ރައްޔިތުންގެ ވިސްނުން އަޅުވެތިކުރެއެވެ. ދައްޖާލު ކާބޯތަކެތީގެ ދަޅަދައްކައިގެން މީސްތަކުން ހައްލާ އުޞޫލުން، ވަޒީފާއާއި މާލީ ނުފޫޒު ބޭނުންކޮށްގެން ރައްޔިތުން ކިޔަމަންކުރުވައެވެ. ޙައްޤު ބަސް ބުނާ މީހުންގެ އަޑު ކަނޑުވާލައި، އެމީހުންނަށް ދަތިކުރެއެވެ. އަދި ދައްޖާލުގެ އެއް ލޯ އަނދިރިވެފައިވާ ފަދައިން، މިފަދަ ވެރިންވެސް ކަންކަމަށް ބަލަނީ ހަމައެކަނި އަމިއްލަ އެދުމުގެ ލޮލުންނެވެ. ޢަދުލުއިންޞާފާއި އާޚިރަތުގެ ޙިސާބަށް އެމީހުންގެ ހިތުގެ ލޯ ވަނީ މުޅިން ކަނުވެފައެވެ.

މިއަދުގެ ޒަމާނީ މުޖުތަމަޢުތަކަށް ބަލައިލުމުން ފެންނަނީ މި ނުރައްކާތެރި ފިކުރުގެ ޢަމަލީ ތަޞްވީރެކެވެ. ސިޔާސީ ވަފާތެރިކަން މިއަދު ބިނާވެފައިވަނީ އިޚްލާޞްތެރިކަމުގެ މައްޗަކަށް ނޫނެވެ. އެއީ ވަޒީފާގެ ބިރުވެރިކަމާއި ވަގުތީ މާލީ މަންފާތަކުގެ މައްޗަށް ގަނެވިއްކާ އެއްޗަކަށް މިވަނީ ވެފައެވެ. ސިޔާސީ ވާދަވެރިކަމުގައި ދޮގުތައް ހަދައި، މީސްތަކުންގެ އަބުރު ކަތިލުމަކީ ޢާންމު ކަމަކަށް ވެއްޖެއެވެ. ޤާނޫނު ތަންފީޒުކުރުމުގައާއި މުއައްސަސާތަކުގެ ތެރޭގައި ޢަދުލުއިންޞާފުގެ ހަމަހަމަކަން ގެއްލި، އެއް ލޮލުން ބެލުމުގެ ސަޤާފަތް މިވަނީ ޢާންމުވެފައެވެ. އަދި ހަމައެކަނި ވެރިކަމުގެ ބާރު ދެމެހެއްޓުމަށްޓަކައި، ޤައުމުތަކުގެ ކުރިމަގާއި އަންނަން އޮތް ޖީލުތަކުގެ ޙައްޤުތައް ނުރައްކަލުގެ ތެރެއަށް ވައްޓާލަންވެސް ފަސްނުޖެހޭ މަންޒަރު މިއަދު މިދަނީ ފެންނަމުންނެވެ.

ޝައްކެއްވެސް ނެތެވެ. ވެރިކަމުގެ ދަހިވެތިކަމަކީ ހިތްތަކުގައި ކިބުރުވެރިކަން އުފައްދައި، "ދައްޖާލީ" ސިފަތަކަށް ވާސިލުކޮށްދޭ ނުރައްކާތެރި ބައްޔެކެވެ. ދައްޖާލުގެ އެންމެ ބޮޑު ހަތިޔާރަކީ ބާޠިލު އެއީ ޙައްޤު ކަމުގައި، އަދި ޙައްޤު އެއީ ބާޠިލު ކަމުގައި ދެއްކުމެވެ. ވީމާ، މިފަދަ ނާޒުކު ޒަމާނެއްގައި، ކޮންމެ މުސްލިމަކުވެސް ވެރިކަމާއި ދުނިޔެވީ ބާރުގެ ދަހިވެތިކަމުން އެއްކިބާވެ، ތެދުވެރިކަމާއި ޢަދުލުއިންޞާފުގެ މަތީގައި ސާބިތުވުމަކީ، ދައްޖާލުގެ ފިތުނައިންނާއި ޒަމާނީ އެންމެހައި ފަސާދަތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގެވެ.

މާތް ﷲ އަޅަމެން އެންމެން ދައްޖާލުގެ ނުރައްކާތެރި ފިތުނައިންނާއި، ވެރިކަމުގެ ދަހިވެތިކަމުގެ އަނިޔާވެރިކަމުން ރައްކާތެރިކުރައްވައި، ޙައްޤުގެ މަގުގައި ސާބިތުވެ ތިބުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.

https://wamco.com.mv/
tel:+9607331319