logo

މާލީ އަނދަވަޅެއްގައި އޮތް މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަނީ

profile

އާމިނަތު ޝަފާ - 26 ޖޫން 2024 - 21:49

މިފްކޯ

މިފްކޯ

މާލީ އަނދަވަޅެއްގައި އޮތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް ބޭރުގެ ސީއީއޯއެއް ހޯދަން އިއުލާނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ކުރި އިއުލާނެއްގައިވަނީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި އެ ދާއިރާ ކުރިއަރުވަން ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހު މެންދުރުފަހު 14:00 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.

މުއްދަތު ހަމަވާ ތާރީހުގެ ކުރިން ސީވީއާއި، ކަވަރ ލެޓާއާއި، ތައުލީމީ ސެޓްފިކެޓްތައް އަދި ދާއިރާގައި މަސައްކަތްކޮށްފައިވާކަމުގެ ލިޔުން ހުށަހެޅުމަށް އެދިފައެވެ.

ކުންފުނީގެ މާލީ ހާލަތައް ބަލާއިރު ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުންނާއި، ކުންފުނި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކުންފުނީގެ މިސްރާބު އޮތީ ބަދަލުކުރަން ޖެހިފައެވެ. އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށްޓަކައި 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިއަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކޮށްފައިވާކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މި ދަރަނީގެ އެއްވެސް ފައިސާއެއް އެސްޓީއޯއަށް މިހާތަނަށް ދެއްކިފައެއްނުވެއެވެ. 2020 ވަނަ އަހަރުން 2022 ގެ ނިޔަލަށް ކޭޝް ފްލޯ ސަޕޯޓު ދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ވަރކިންގ ކެޕިޓަލްއަށް ހަމަޖެއްސިފައިވާ ފެސިލިޓީތަކުގެ އަދަދު 645 މިލިއަން ރުފިޔާއަށް އަރާއިރު މި ފެސިލިޓީތަކުގެ އިންޓަރެސްޓަށް އަހަރަކު 40 މިލިއަން ރުފިޔާ ހޭދަވާކަމަށްވެސް ކުންފުނިން މިފަހުންވަނީ ބުނެފައެވެ.

ކުރިއަށް އޮތް 5 އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާއިގުޅޭ މަސައްކަތްތައް ހިނގަމުންދާއިރު ކުންފުންޏަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ޚަރަދުތައް ރީސްޓްރަކްޗަރކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެންކަމަށާއި އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދާކަމަށް މިފްކޯއިންވަނީ މިފަހުން ބުނެފައެވެ.

https://int.etukuri.mv/
tel:+9607331319