logo

ކާމިޔާބު އިންސާނުން އުފެއްދުމަށް ތަޢުލީމާއި ތަރުބަވީ ކަންތައްތައް ފުރިހަމަވާންޖެހޭ: ވަޒީރު

profile

އަހުމަދު ޒަލީފު - 02 ޖޫން 2024 - 15:08

އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ

ކާމިޔާބު އިންސާނުން އުފެއްދުމަށް ތަޢުލީމާއި ތަރުބަވީ ކަންތައްތައް ފުރިހަމަވާންޖެހޭ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫޢު "ކޫލް ސްކޫލް ޕްރޮޖެކްޓް" އިފްތިތާހްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުންނެވެ. މި މަޝްރޫއު ފަށާފައިވަނީ ކ. މާފުށީ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު ފައްޓަވާދެއްވުމަށްފަހު ވާހަކައްދައްކަވަމުން ތަޢުލީމީ ވަޒީރު އިސްމާޢިލް ޝަފީޢު ވިދާޅުވީ ދަރިވަރުންނަށް ކާމިޔާބު ދިރިއުޅެއް ހޯދާދެވެނީ ތަޢުލީމް ދީގެން ކަމަށެވެ. އަދި ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރެވެނީވެސް އަދި އުފާ ފާގަތިކަމާއެކު އުޅެވޭނެ އާއިލާއެއް ބިނާކުރެވޭނީވެސް ތަޢުލީމް ދީގެން ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތަކާއި ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ފަހަތަށް ނުޖެހޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އޭސީ ހަރުކުރުމުގެ މަޝްރޫޢު ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް ކާމިޔާބު ދަރިވަރެއް އުފެއްދުމަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ދަރިވަރުންނަށް ފަހި ކޮށްދިނުން ކަމަށެވެ.

"މުދައްރިސުންނާއި ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިން ގުޅިގެން މިކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާންވާނީ ދަރިވަރުންނަކީ އެ ކުދިންގެ ރަށަށާއި ޤައުމަށް އުޖާލާކުރަނިވި ކާމިޔާބު އިންސާނަކަށް ހެދުން. އަދި އެފަދަ ކާމިޔާބު އިންސާނެއް އުފެއްދުމަށް ލިބެންޖެހޭ ހުރިހާ ތަޢުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެށްޓަކަށް ސްކޫލް ވެށި ވެގެންދިޔުމަކީ އަޅުގަނޑުމެންގެ އަމާޒު. އަދި މިފަދަ ޕްރޮޖެކްޓެއް ފެށުމުގެ ބޭނުމަކީވެސް އެއީ." ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ސަރުކާރުން ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުން ދަރިވަރުންނަށާއި މުއްދަރިސުންނަށް ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން ސްކޫލް ވެށްޓަކީ އުފާވެރި ހިތްހަމަޖެހޭ ވެށްޓަކަށް ބަދަލުވެ، ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ ސަރުކާރު ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމަކީ އަގުބޮޑު މަޝްރޫޢެއް ނަމަވެސް މިފަދަ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން ފައްޓަވާފައި މިވަނީ ތަޢުލީމަށް ކުރާ ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫންކަމަށް ރައީސް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލުންކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

tel:+9607331319